ދިވެހިރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން އިންޑިއާ ސަރުކާރުންވެސް ފޯރުކޮށްދޭނެކަމަށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސަފީރުވަނީ ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް އެންމެ ގާތުގައި އަބަދުވެސް އިންޑިއާ އޮންނާނެކަން ސަންޖޭ ސުދީރު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އިން އަރައިގަތުމަށްވެސް ދިވެހި ސަރުކާރަށް ގިނަ އެހީތަކެއް އިންޑިއާއިން ފޯރުކޮށްދެމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމުގަޔާއި ބޭސް ހޯދުމުގައިވެސް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަދު އިންޑިއާގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، ހައި ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި މިއީ މުޅި ދުނިޔޭގައިވެސް ކުރިއަށް ގެންދެވޭނެ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ވެކްސިން ގިނަ ރައްޔިތުންނަށް ޖެހުމަށް ނިންމާފައިވާއިރު، އިންޑިއާގެ އަވައްޓެރި ގައުމްތައް މަތިން ހަނދާން ނައްތާނުލާނެކަމަށް ސަންޖޭ ވިދާޅުވިއެވެ.
އެގޮތުން، އިންޑިއާގެ އަވައްޓެރި ގައުމްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދަރާ މޯދީ ވަނީ އިއުލާންކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖެއަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން އިންޑިއާއިން ވެސް ފޯރުކޮށްދޭނެކަމަށް ސަންޖޭ ވިދާޅުވިއެވެ.
މި ވެކްސިން ވަރަށް އަވަހަށް ދިވެހިރާއްޖެއަށް ގެނައުމަށް ނިންމާފައިވާއިރު، ވެކްސިނާއެކު އުންމީދުގެ އަލިކަންވެސް ރާއްޖެއަށް އަންނާނެކަމަށް ސަންޖޭ ސުދީރު ވިދާޅުވިއެވެ.