މާލޭގެ ފަތާ ޓްރެކްގެ މަސައްކަތް ނިމޭއިރު އެތުލީޓުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ރާއްޖޭގެ އެތުލީޓުން ހޯދިނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، މާލޭގެ ފަތާ ޓްރެކް އޮތް ހާލަތުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ފަތާ ޓްރެކް ހުޅުވިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔަނަމަވެސް، އެތަނުގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. 

"އަތްވާއި ވާރޭން ހިޔާވެވޭނެ ގޮތެއް އެތަނަކު ނެތް. އެކަށީގެންވާ ޗޭންޖިން ރޫމެއް ނެތް. އެއީ، ފަތަން ދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫން." ރައީސް ވިދާޅުވިއެވެ.

ފަތާ ޓްރެކްގެ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރިއަށް ގެންދާއިރު، އަންނަ މަހުގެ ކުރީކޮޅު އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ނިމޭއިރު އެތަން ހިޔާކޮށް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމްތަކާއި ފާޚާނާ އާއި ފެންވާރާނެ ތަންތަން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއު ނިންމާލެވޭއިރު އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތައް
ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އެގޮތުން، 
މި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި
ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން
ދިޔުމަކީ އެމަނިކުފާނު އުންމީދުކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *