މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް އެޅުމުގެ މަޝްރޫއު ފުރިހަމަ ކުރެވުނީ މި ސަރުކާރުން ގެންގުޅޭ ހަރުދަނާ ހާރިޖީ ސިޔާސަތު ތަކުގެ ސަބަބުން ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ މި މަޝްރޫއު ފުރިހަމަކުރުމަށް އިންޑިއާއިން އެހީތެރިކަން ފާހަގަކުރައްވާ، އެއީ ބައިނަލްއަޤްވާމީ
ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ ކަން ފާހަގަކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމަނިކުފާނުވަނީ ރާއްޖޭގެ ތަރައްޤީއަށާއި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގައި، އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސިންތެޓިކް ޓްރެކްގެ ސަބަބުން ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކަސްރަތު ކުރުމަށްވެސް ޓްރެކަށް ދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިން އާދައިގެ ގޮތަކަށް އޮތް ޓްރެކަށް ގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ޤައުމީ
ކަސްރަތު މުބާރާތް ތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު
ވެގެންދާނެ ކަމަށާއި މި ޓްރެކްއަކީ ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ލިބިގެންދާ އެހީ އެއް ކަމަށެވެ.
ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ އެކުވެނީގެ ދުވާ ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.