ހުކުރު ދުވަހު އިންޑޮނޭޝިޔާ އަށް އައި ބިންހެލުމުގައި 46 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އެ ގައުމުގެ ސުލަވޭސީ ޕްރޮވިންސް އަށް އައި 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ރަައްކާތެރިކަން ހޯދުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ވަނީ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ.
އިމާރާތްތަކުގެ ދަށުވެފައި ބަޔަކު ތިބިތޯ ބަލަން ރެސްކިޔު ޓީމްތަކުން ހަރަކާތްތެެރިވަމުންދާއިރު 600 ވަރަކަށް މީހަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.
ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ ބުނީ، އެންމެ ގިނައިން މީހުން މަރުވެފައިވަނީ ސުލާވެސީ ޕްރޮވިންސްގެ މަމުޖޫ ސަރަހައްދުންނެވެ. އޮފިޝަލުން ލަފާކުރާ ގޮތުން ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ސަރުކާރުގެ ހޮސްޕިޓަލަށް އޭގެ އަސަރުކޮށް ހޮސްޕިޓަލުގެ އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު، މަމުޖޫގެ އެއާޕޯޓް ޓަވަރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އިތުރު ބިން ހެލުމެއް އައިސް ދާނެ ކަމަށް ލަފާކޮށް އިމާރާތްތަކުގެ އެތެރެ އަށް ނުވަންނަން އޮފިޝަލުން ވަނީ ސަރަހައްދު ގައި ދިރިއުޅޭ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ހުކުރު ދުވަހު އެގައުމަށް ބިން ހެލުމަށް އައިސްފައިވާއިރު ބުރާސްފަތި ދުވަހުވެސް 5.9 މެގްނިޓިއުޑްގެ ބިން ހެލުމަށް އެ ސަރަހައްދަށް އައެވެ. މިއާއި އެކު އެ ސަރަހައްދުން ކަރަންޓުގޮސް، އާއްމުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.