ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމް އިންޑިއާގައި ފަށައިފިއެވެ.
ކޮވިޑް-19 ވެކްސިން ޑްރައިވް ކުރިއަށްދާގޮތަަށް ބަލާއިރު، އެގައުމުން ބޮޑަށް ބަރޯސާވުމަށް ނިންމާފައިވަނީ ޑިޖިޓަލް ޕްލެޓްފޯމަކަށެވެ. އެއީ ސަރަހައްދުތަކަށް ވެކްސިން ފޯރުކޮށްދެވިއްޖެކަން ކަށަވަރު ކުރުމަށްޓަކައެވެ. އެހެންނަމަވެސް، މާހިރުންގެ ކަންބޮޑުވުމަކީ އިންޓަރނެޓް ނެތް ސަރަހައްދުތަކަށް ވެކްސިން ފޯރުނުކޮށްދެވުމެވެ.
ވެކްސިން ޑްރައިވް ލޯންޗު ކުރުމުގެ މުނާސަބަތުގައި ވީޑިއޯ ކޮންފަރެންްސް މެދުވެރިކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ އެގައުމުގެ ހެލްތު ކެއަރ ވަރކަރުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ވެކްސިން ދޭން ފަށާފައިވީ ނަމަވެސް، އަމިއްލަ އަށް ވެކްސިން ޖައްސަވަން ބޭނުން ނުވާ ކަމަށާއި، ބޮޑަށް އިސްކަންދޭން ބޭނުންވަނީ މި ޕެންޑެމިކް ތެރޭގައި މަސައްކަތް ކުރި ނަރުހުންނާއި ޑޮކްޓަރުންނަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ވެކްސިން ޑްރައިވް އިންޑިއާގައި ލޯންޗު ކުރެވުމުން އޭގެއިން އެނގިގެންދަނީ އެގައުމުގެ ކުޅަދާނަކަން ކަމަށެވެ. އަދި ވެކްސިން އާއި ގުޅިގެން ދެކެވޭ ސައްހަ ނޫން ވާހަކަތަކަށް އިޖާބަ ނުދިނުމަށް އޭނާ ގޮވާލެއްވިއެވެ. މޯދީ ވަނީ ވެކްސިން ޖެހުމަށްފަހުވެސް ކޮވިޑާއި ގުޅިގެން އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުން މަތީ ދެމިތިބުމަށް ގޮވާލައްވާފައެވެ.