ހިލްޓަންގެ ޗެއިން ތެރޭގައި ހިމެނޭ ލަގްޝަރީ ހޮޓެލް އަދި ރިސޯޓް ބްރޭންޑެއް ކަމަށްވާ ވަލްޑޯފް އެސްޓޯރިއާގެ އިތާފުށި ޕްރައިވެޓް އައިލެންޑް މި ހަފްތާގައި ހުޅުވާލައިފިއެވެ.
"އިތާފުށި - ދަ ޕްރައިވެޓް އައިލެންޑް" ހުޅުވާލުމާއި އެކު އާއްމުންގެ ސަމާލުކަން ހުއްޓިފައިވަނީ އެތަނުގެ އަގުތަކަށެވެ. އެ ރަށުގައި ރެއެއް ހޭދަކުރަން ބޭނުންވާ ފަރާތްތަކުން 80،000 ޑޮލަރު ދައްކަން ޖެހެއެވެ.
32،000 ސްކުއަރ މީޓަރުގެ ބޮޑު އިތާފުށި ޕްރައިވެޓް އައިލެންޑްގައި ތިން އިމާރާތް ހުންނައިރު މި ރަށުގައި އެއްފަހަރާ 24 ގެސްޓުންނަށް ހިދުމަތް ދެވެއެވެ. މި އިމާރާތްތަކުގައި ތިން ކޮޓަރީގެ ބީޗް ވިލާ ހުންނައިރު އިންފިނިޓީ ޕޫލްގެ އިތުރުން ޖަކޫޒީ ވެސް ހުރެއެވެ. އަދި ހަތަރު ކޮޓަރީގެ ވިލާތަކުގައި ދެ ކިންގް ބެޑްރޫމްގެ އިތުރުން ދެ ކުއީން ބެޑްރޫމް، އަދި ބޮޑު ލިވިންގް އޭރިއާއެއްވެސް ހިމެނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިތާފުއްޓަށް ލޯންޗެއްގައި ދާން ނަގަނީ 40 މިނެޓެވެ. ސީޕްލޭންގައި ނަމަ 15 މިނެޓެވެ.
މި ރަށަށް ޒިޔާރަތްކުރާ ގެސްޓުންނަށް މުނި ފޫހިި ފިލުވުމަށްވެސް ގިނަ ހަރަކާތްތަކެއް ހުންނައިރު މީރު ކާނާގެ އިތުރުން އެ ރަށުގެ ގެސްޓުންނަށް ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ ކަމުގެ ޔަގީން ކަން ހިލްޓަން އިން ދެއެވެ.