އަގުބޮޑުވެގެން ކޮންޓްރެކްޓެއް ބާތިލުކުރުމަށްފަހު، ކުރީގެ އަގަށްވުރެ މާބޮޑުކޮށް އޭގެ ފަހުން މަސައްކަތެއް ހަވާލުކުރިކަން ޖެންޑާ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކާއި ކޮށްފައިވާ މަސައްކަތްތަކުގައި ހުރި ބޮޑެތި މައްސަލަތަކެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަގުބޮޑުވެގެން ބާތިލުކުރި ކޮންޓްރެކްޓެއް، އޭގެ ފަހުން އެއަށް ވުރެ ބޮޑު އަގެއްގައި ދިން މައްސަލައެވެ.

ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް، އޮގަސްޓް 2016 ގައި 7،196،819 (ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ) ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކުރުމަށްފަހު، މަސައްކަތުގެ އަގު ބޮޑު ކަމަށް ބުނެ، ފިނޭންސް މިނިސްޓްރީއިން ކޮންޓްރެކްޓް ބާތިލުކުރުމަށް އެންގުމުން ޖެނުއަރީ 2017 ގައި އެއްބަސްވުން ބާތިލުކުރިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނަމަވެސް ހަމަ އެ އަހަރު، އެ މަސައްކަތް ޖުމްލަ 10،441،598 ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކުންފުންޏާއި ހަވާލުކުރިއެވެ.

"މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3،244،779 (ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާ އަގުބޮޑުކޮށް އެހެން ފަރާތަކާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަން ފާހަގަކުރަމެވެ." އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންޓް 1 އަދި 2 ކަށް ޖުމްލަ 3،445،727 (ތިން މިލިއަން ހަތަރު ސަތޭކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ހަތާވިސް) ރުފިޔާ ދައްކާފައިވާއިރު، މި ދެ ބިލުން އެޑްވާންސް އަދި ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.69 ވަނަ މާއްދާގެ (ނ) ގައި، ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 2،500،000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއަށްވުރެ ބޮޑުވާނަމަ މަސައްކަތަށް އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ.

މިކަން ހިނގާފައިވާ ގޮތަށްބަލާއިރު، މިއީ އެނގިހުރެ ދައުލަތަށް ގެންލުންވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، މިކަމާގުޅުގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.