އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖުކުރަން ޖެހޭ ކަމަށް ވިދާޅުވެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ނުރުހުން ފާޅު ކުރައްވައިފިއެވެ.
ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހި، ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.
މި މައްސަލަ ބޮޑުވެ، ކަމާބެހޭ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މެމްބަރު ކުރެއްވި ޓުވީޓެއްގައި ވަނީ "ވާނުވާ" ގައި ތިބެންޖެހުމުގެ ވޭނާއި ހިތްދަތިކަން ދިވެހި ދައުލަތުގެ އިސްވެރީންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަށް އެނގި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ވަނީ އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން "ވާނުވާ" އިން މިންޖު ކޮށްދެވެން ޖެހޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.
އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުންވެސް ދަނީ ސްކޫލްގައި ހަރަކާތްތެރިވަމުންނެވެ.