ދިގު އިންތިޒާރަކަށްފަހު، ރާއްޖޭގެ މަޝްހޫރު ރެޕް ބޭންޑް ސިމްބޮލިކް އަލްބަމްސްއިން އަނެއްކާވެސް އައު އަލްބަމެއް ނެރެފިއެވެ. 

"ކޯވަރެއް" ނަމުގައި މިފަހަރު ނެރުނު އަލްބަމަކީ 2013 ވަނަ އަހަރު އެ ބޭންޑުން ނެރުނު "މަގުމަތި" އަލްބަމަށްފަހު ފުރަތަމަ ފަހަރަށް އެ ބޭންޑްގެ ހުރިހާ އެކްޓިވް އާރޓިސްޓުން އެކީ އިވިގެންދާނެ ފުރަތަމަ އަލްބަމެވެ. އެގޮތުން، މި އަލްބަމްގައި ރެޕް ކިންގް ގޮތުގައި މަޝްހޫރު ޕެސްޓް، މާޓު، ރައިޑޭ، ޓޯއި، އެޑިލް، ލިމިޓްސް، ޖަހުލު، ޒިޔާ، ބޭ އަދި ޝިފޫގެ ލަވަތައް ހިމެނޭނެއެވެ.

މުޅިއަކު 20 ލަވަ ހިމެނޭ މި އަލްބަމް ނެރެދެއްވުމަށް ބައިސްކޯފް ސްޓޫޑިއޯގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި އަލްބަމް ނެރެދެއްވާފައިވަނީ ސިމްބޮލިކް ރެކޯރޑްސް ގެ އެންމެ ބޮޑު އެއް ފޭން، ފާރިޝް މައުމޫނެވެ.

ޅެންވެރިންގެ ދުވަހުގައި ނެރުނު މި އަލްބަމާއި ގުޅޭގޮތުން ބައިސްކޯފުން ބުނެފައިވަނީ، ދިވެހި ޅެންވެރިކަމަށް އިންގިލާބެއް ގެނުވި ޒުވާނުންތަކެއްގެ އެންމެ ފަހުގެ އުފެއްދުން މިޅެންވެރިންގެ ދުވަހުގައި ރިލީޒްކުރަން ލިބުމަކީ އެ ބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށެވެ. 

މި އަލްބަމާއި ގުޅޭ ގޮތުން ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ސިމްބޮލްކް ގެ އޮފިޝަލަކު ވިދާޅުވީ، މިއީ އެ ބޭންޑުން ބައިސްކޯފަށް އެކްސްކްލޫސިވްކޮށް ނެރެފައިވާ އަލްބަމެއް ކަމަށެވެ. މި އަލްބަމްގެ އެއްވެސް ލަވައެއް އެހެން ޕްލެޓްފޯމަކަށް އަޕްލޯޑް ކުރުމަށް ނިންމާފައެއްނުވެއެވެ.

މީގެއިތުރުންވެސް، އަލްބަމް ނެރުނު އިރު ވީޑިއޯ ލަވައެއް ހިމެނުމަށް ނިންމާފައިވާ ކަމަށާއި އެ ވީޑިއޯ ލަވަވެސް މާދަމާގެ ވަގުތެއްގައި ބައިސްކޯފުން އެވެއިލަބަލް ވާނެކަމަށް ސިމްބޮލިކްއިން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، "ދަތިތައް" މި ލަވައިގެ ޓޫޑީ އެނިމޭޓޭޑް ވީޑިއޯ ހަދާފައިވަނީ ސިމްބޮލިކްގެ އާރޓިސްޓް ޓޯއީ އާ "ކުލަފިހި" މުސްތަފާ ގުޅިގެންނެވެ.

"ކޯވަރެއް" މި އަލްބަމްގައި 20 ލަވަ ހިމެނޭއިރު، އޭގެ ތެރެއިން 19 ލަވަ ޕްރޮޑިއުސްކޮށްފައިވަނީ ރައިޑޭއެވެ. ބާކީއިން ލަވަ ޕްރޮޑިއުސްކޮށްފައިވަނީ ލިމިޓްސްއެވެ. އަލްބަމް މިހާރު ގިނަ ބަޔަކު ސްޓްރީމް ކުރަމުންދާއިރު، އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި އަލްބަމްގެ ލަވަތަކުން އެމީހުންގެ އިހުސާސްތަކާއި ކުޅެލައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.