ރ. ކިނޮޅަހުގައި ފެނާއި ނަރުދަމާގެ ނިޒާމްގެ ގާއިމްކުރުމުގެ މަސައްކަތް މިއަދު އިފްތިތާހުކޮށްފިއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެވެ. ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަހްމަދު މައުސޫމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދުއެވެ. 

އެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި10.98 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރިބޯފެން ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 870 މީޓަރގެޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލްޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި އޭގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

މި މަޝްރޫއު މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހަށް ނިންމުމަށް ވަނީ ތާވަލްކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.