ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ލ. ގަމާއި ލ. ފޮނަދޫ އާއްމު ހާލަތަށް ގެނެސްފިއެވެ.

ފޮނަދޫ އިން ހަތަރު މީހެއްގެ އިތުރުން ގަމުން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފޮނަދޫއިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ހަތަރު މީހުންނަކީ ވެސް ގއ. ދެއްވަދޫއިން ފޮނަދޫއަށް ދަތުރުކުރި މީހުންނެވެ. މި ހަތަރު މީހުން ވެސް ފޮނަދޫއަށް އައީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށްވާއިރު މި ކޭސްތަކަކީ ދެއްވަދޫ ކްލަސްޓަރއާ ގުޅުންހުރި ކޭސްތަކެކެވެ. ފޮނަދޫ އިން ޕޮޒިޓިވްވި އަންހެން މީހަކަށް އައިސީޔޫ ގައި ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ގަމުން ކޮވިޑަށް ޕޮޒިޓިވް ތިން ކޭސް ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން ޕޮޒިޓިވްވީ 43 އަހަރުގެ އަންހެނަކާއި 14 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން ދެ އަހަރުގެ ކުއްޖެކެވެ. މި ތިން މީހުން ވެސް އޭރު ތިބީ ހޯމް ކަރަންޓީނުގައެވެ. 

މި ދެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19އާ ގުޅިގެން އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން އެ ދެ ރަށް އިތުރަށް މޮނިޓަރިންގެ ހާލަތުގައި ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން މިއަދުން ފެށިގެން މޮނިޓަރިންގެ ހާލަތް އުވާލާފައިވާ ކަމަށެވެ. އާއްމު ހާލަތަށް ގެނައި ކަމުގައިވިޔަސް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލުން ވަނީ ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކޮށްފައެވެ. ގަން އަދި ފޮނަދޫ އިން ފެނުނު ކޭސްތަކާއި ގުޅިގެން 388 ސާމްޕަލް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއްގެ ނަތިއްޖާ ވަނީ ނެގެޓިވްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.