މާދަމާ އިން ފެށިގެން ރާއްޖޭގައި ފައިޒަރ ވެކްސިން ޖަހަން ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި ރާއްޖެއަށް ފައިޒަރ ވެކްސިންގެ 128,600 ލިބިފައިވާ ކަމަށާއި، މި ވެކްސިން މާދާމާއިން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ފައިޒަރ ވެކްސިންއަކީ އުމުރުން 12 އަހަރުން މަތީގެ މީހުން ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން، އެޗްޕީޭއިން ބުނެފައިވާ ގޮތުގައި ފައިޒަރ ވެކްސިން ޖަހާނީ:

  1. 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
  2. ދިފާއީ ނިޒާމް ބަލިކަށި މީހުން
  3. މާބަނޑު މީހުންގެ - މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިންއެވެ
    - މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާ ޖެނެކާ ވެކްސިން ޖެހުމަށް ޚިޔާރުކުރެވިދާނެއެވެ.
  4. ކޮމިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ، ދެވަނަ
    ޑޯޒަކަށް ފައިޒަރ ވެކްސިން ޖެހުމަށް އޭ.އީ.އެފް.އައި ކޮމިޓީއިން ލަފާ ދެއްވާފައިވާ ފަރާތްތައް
  5. ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކިޔަވަންދާ ޤައުމުގައި ހަމައެކަނި ފައިޒަރ ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް

ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ މައިގަނޑު ހާލަތްތައް:

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން. މީގެ ތެރޭގައި ހިމެނޭ ބޭސްތައް:

(Azathioprine, Cyclosporine, Cyclophosphamide, Tacrolimus ,Tacrolimus, Tacrolimus,  Leflunomide, Methotrexateand Biologics such as Rituximab, Tocilizumab, Inflixima)

  • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
    • ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
    • ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުން

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލްގައި އުޅޭ ކުދިން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ.

މާދަމާ މާލެ ސަރަހައްދުގައި މި ވެކްސިން ދޭން ފަށާއިރު، އާއްމުންނަށް މި ވެކްސިނަށް ޚާއްޞަކުރެވިފައިވާ ވެކްސިން ސެންޓަރުތަކަކީ:

  • އިސްލާމީ މަރުކަޒު (ހެނދުނު 09:00 އިން ހަވީރު 16:00 އަށް)
  • ހުޅުމާލޭ ހޮސްޕިޓަލް (މެންދުރުފަހު 13:00 އިން 16:00 އަށް)
  • ވިލިމާލޭގައި އާއްމުކޮށް ޖަހަންފަށާނީ އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުގައި މެންދުރު 13:00 އިން 16:00 އާ ހަމަޔަށް

ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިން ފިޔަވައި، 12 އަހަރާއި 17 އަހަރުގެ ކުދިންނާއިމާބަޑު މީހުންނާއި މި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިންޖެހުމަށް އައުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެއިތުރުން ލިސްޓްކުރެވިފައިވާ ކެޓަގަރީތަކުގައި ހިމެނޭ އެންމެން ވެކްސިން ޖެހުމަށް އަންނަ އިރު އައި.ޑީ.ކާޑް ނުވަތަ ޕާސްޕޯރޓާއެކު އެކު ކަމާ ގުޅުންހުރި ލިޔެކިޔުން (ލިޔެކިޔުމުގެ ފޮޓޯ ހާޑްކޮޕީ ނުވަތަ ސޮފްޓް ކޮޕީ) ގެންނަންވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *