މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެސްދޭނެ ގާބިލުކަމެއް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ނެތް ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ އަނަސް އަބްދުލްސައްތާރު ފާޑު ވިދާޅުވެއްޖެއެވެ. 

މުއިއްޒުއާ ގުޅޭ ގޮތުން ލިޔެފައިވާ ދެ ހަބަރެއްގެ ސްކްރީން ޝޮޓް ޓްވިޓާގައި ޝެއާ ކުރައްވާ އަނަސް ވިދާޅުވީ، ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު ހަތް އަހަރުގެ މުއްދަތަކަށް މުއިއްޒު މިނިސްޓަރުކަން ކުރެއްވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ބާރުތައް ނަންގަވައިގެން ކަމަށެވެ. 

''މާލެ ރައްޔިތުންނާ ރަށްވެހިންނަށް ދުއްތުރާކުރުން ނޫން ކަމެއް ނުކުރައްވާ. ދެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު ނިންމަވާލެއްވީ މަގުމަތިކޮށްލި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ނުދެވި''

އެކަމުން އެކަނިވެސް ދައްކުވައިދެނީ މާލޭ އަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެސްދެވޭނެ ގާބިލުކަން މުއިއްޒުގެ ކިބައިގައި ނެތްކަން ކަމަށް އޭނާ ވިދާޅުވިއެވެ. 

މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ގުޅީފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދެވޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ނިންމުމުން މުއިއްޒުގެ ރާގު ބަދަލުވެ، މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ގުޅީފަޅު ހާއްސަކުރަން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. 

ގުޅީފަޅު ގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއު ފެށި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރެެވެ. ނަމަވެސް 2012 ވަނަ އަހަރު އެ މަޝްރޫއު ހުއްޓުނެވެ. ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ހުޅުމާލެ އިން ބިން ދޭނެ ކަމަށް ބުނެ ކުރީ ސަރުކާރުން ލިޔުންތަކެއް ހަވާލުކުރިއެވެ. އެކަމަކު ދައުރު ނިމިގެން ދިޔައިރުވެސް އެކަމެއް ނުވިއެވެ. ނަމަވެސް ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންނަށް ބަދަލު ދިނުމަށް އެއްބަސްވުމުގައި ސޮއިކުރަން މި ސަރުކާރުން ވަނީ ފަށާފައެވެ. ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގުޅީފަޅުގައި 6000 ހައުސިން ޔުނިޓް އަޅަން ބިން ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.