ޅެންވެރިކަމުގެ ފަންނަކީ ފަހުގެ ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ފަންނެއް ކަމަށް ވިދާޅުވެ، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދުވަހުގެ ތަހުނިޔާ ދިވެހި ޅެންވެރިންނަަށް ފޮނުއްވައިފިއެވެ.
ޅެންވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރަައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޅެންވެރިކަމަކީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއް ކަމަށާއި މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭންޖެހޭ ކަމަށެވެ.
1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރުން ނިންމީ ދިވެހި އަދަބިއްޔާތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިބްރާހިމް ޝިހާބް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައިވަނީ ދިވެހި ޅެންވެރިކަމަށް ފުރިހަމަ ހިދުމަތްތަކެއް ކޮށްދެއްވި އައްނަބީލާ އަލްމަރުހޫމާ ފާތިމަތު ސައީދަށެވެ. މިއަަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ " ތެދުވާށެ، އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" މިއެވެ.