ޓްރާންސްޕޯޓު މިނިސްޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ. 

މި ދެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިމިވަނީ އެ މަގާމުގައި ތިއްބެވި ފަރާތްތައް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ސޫޒަން ހަނީފު އިސްތިއުފާ ދެއްވީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ މައްޗަށް އެކުލަވާލި އޮޑިޓް ރިޕޯޓާއި ގުޅިގެން ސަސްޕެންޑްކޮށްފައިވަނިކޮށެވެ. ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ އޭނާގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލު އުފައްދާ، ތުހުމަތުތަކެއް ކޮށްފައެވެ. މިއީ ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ފަޔާޒު އިސްތިއުފާ ދެއްވީ މަގާމުގެ ޒިންމާ އަދާކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެއެވެ. އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެން މައްސަލަ ބަލާ ނިމެންދެން ގޭގައި މަޑުކުރުމަށްވެސް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ން އެންގިއެވެ. އަދި އެ މައްސަލަތައް ބެލުމަށްފަހު އެ ކޮމިޝަނުން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް، ސާބިތު ނުވާކަމަށެވެ. 

ސީއެސްސީން ބުރާސްފަތި ދުވަހު އާއްމުކުރި އިއުލާނުގައި ވަނީ، އެ މަގާމަށް މީހުން ހަމަޖެއްސުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. 

ޕީއެސްއަކަށް މުސާރައިގެ ގޮތުގައި ކޮންމެ މަހަކު އަސާސީ މުސާރައިގެ ގޮތުގަައި 20،500 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.