މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 37،000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 37،926 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތާއި އަޅާބަލާއިރު 47.5 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 72،262 ފަތުރުވެރިންނެވެ.
ޓުއަރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަަށް 2،917 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.7 ދުވަސް ކަމަށް މިނިސްޓްރީން ބުންނެވެ.
2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 10،002 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 5،727 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވެއެވެ.
މީގެއިތުރުން ޔޫކްރެއިންއިން 3,472 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު ކަޒަކިސްތާނުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 2,034 ފަތުރުވެރިންނެވެ. އަދި ރޯމޭނިއާއިން 1,534 ފަތުރުވެރިއަކު ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 1495 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، ރާއްޖެ ވެެގެން ދިޔައީ މިކަމުގެ އެންމެ ބޮޑު އަސަރުތަކެއް ކުރި އެއް ގައުމަށެވެ. މިކަމާއި ގުޅިގެން ހެދުނު ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމަކީ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމަށް ފަހު އައި އެންމެ ބޮޑު ލޮޅުމެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ނެގި އަވަސް ފިޔަވަޅުތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ވަނީ ކުރިއަރަން ފަށާފައެވެ.