މިދިޔަ މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިން ގައި ބޭއްވި ކައިވެނި ޕާޓީ ގައި ބައިވެރިވި 100 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 300 މީހަކު ކަރަންޓީނު ކޮށްފިއެވެ.
ބުރާސްފަތި ދުވަހު ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިން ކްލަސްޓާގެ ހެޑް އައިމިނަތު އަރޫޝާ ވިދާޅުވީ، ޕޮޒިޓިވްވި 100 މީހުންގެ ތެރެއިން 68 މީހުންނަކީ ކައިވެނީގެ ހަފްލާ އަށް ދިޔަ މީހުން ކަމަށެވެ. އަދި 30 މީހުންނަކީ ޕާޓީ އަށް ދިޔަ މީހުންގެ ގޭގޭ ތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުންނަކީ ކައިވެނި ހަފްލާގައި ބައިވެރިވި މީހުންނާ އެއް އޮފީހެއްގައި މަސައްކަތްކުރާ ދެ މީހުން ކަމަށެވެ. މި ކްލާސްޓާ ތެރޭގައި ހައިރިސްކު 71 މީހަކު ހިމެނެއެވެ. އެ ކްލަސްޓާއާ ގުޅުންހުރި 401 ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ޝީގައި ބޭއްވި ކައިވެނި ޕާޓީން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި އަދަދަކީ މި ފަހުން މިހާ ގިނަ އަދަދެއްގެ ބަޔަކު އެއް ތަނަކުން ޕޮޒިޓިވްވި ފަހަރެވެ. ކޮވިޑުގެ ކޭސްތައް މަދުވުމާއި އެކު އަޅާފައިވާ ފިޔަވަޅުތަކަށް ހަފްލާތަކުގެ އިތުރުން އެއްވުން ބާއްވަން އެޗްޕީއޭއިން ހުއްދަ ދޭން ފަށާފައި ވަނީ ދާދި ފަހުންނެވެ.