އިންޑޮނީޝިއާ އަށް އައި ބާރުގަދަ ބިންހެލުމުގައި ހަތް މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުން އިންޑޮނީޝިއާގެ ސުލަވޭސީއަށް އައި 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ރަައްކާތެރިކަން ހޯދުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ވަނީ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ. އެގޮތުން، އެ ގައުމުގެ ގަޑިން ދަންވަރު 1 ޖެހިއިރު އައި މި ބިންހެލުމުގެ ސަބަބުން 60 ގެއަކަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ބިންހެލުމުގެ އަސްލު ހުރީ 10 ކިލޯ މީޓަރު އަޑީގައި އެވެ. ބިން ހެލުމުގެ އަސަރު 7 ސިކުންތަށް ދެމިގެންދިޔަ ނަމަވެސް ސުނާމީގެ އިންޒާރެއް އައިސްފައެއް ނުވެއެވެ.
އެންމެ ފުރަތަމަ އެ ގައުމުގެ ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީއިން އާއްމު ކުރި މައުލޫމާތުތަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ބިން ހެލުން އައި ސުލަވޭސީގެ މާޖެނީ ސިޓީ އިން 4 މީހަކު މަރުވެފައިވާއިިރު 635 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމް ލިބިފައެވެ. އަދި އެ ސިޓީއާއި އަވަށްޓެރި މަމޫޖޫއިން ވެސް ތިން މީހަކު މަރުވެފައިވާ ކަމަށާއި 24 މީހަކަށް އެކި ވަރުގެ ޒަހަމް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެއް ބަޔަކު ސައިކަލުތަކުގައި ސަލާމަތުގެ އައްސޭރި ހޯދުމަށް ދަތުރުކުރަމުންދިޔައެވެ. އަދި އިމާރާތެއްގެ ދަށުވެފައި އޮތް ކުޑަކުއްޖެއް ސަލާމަތް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.
ހުކުރު ދުވަހު އެގައުމަށް ބިން ހެލުމަށް އައިސްފައިވާއިރު ބުރާސްފަތި ދުވަހުވެސް 5.9 މެގްނިޓިއުޑްގެ ބިން ހެލުމަށް އެ ސަރަހައްދަށް އައެވެ. މިއާއި އެކު އެ ސަރަހައްދުން ކަރަންޓުގޮސް، އާއްމުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.