ސައުދި އަރަބިޔާ އިން ރާއްޖެ އަށް ކަނޑައަޅުއްްވާފައިވާ ސަފީރު މަތްރެކް އަބްދުﷲ އަލް ދޮސާރީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ޑިފެންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން އަސްކަރިއްޔާގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސައުދީއާ ރާއްޖެއާ ދެ ގައުމަކީ ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމު ކަމަށާއި، ހަރުކަށި ފިކުރު ދެކޮޅަށްކުރާ މަސައްކަތުގެ އިތުރުން ދެ ގައުމުގެ އަސްކަރިއްޔާ ހަރުދަނާ ކުރުމަށް އިތުރު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ސައުދީއާ އަތުކުރި އޮޅާލައިގެން ރާއްޖެއިން މަސައްކަތް ކުރަން އަޒުމް ހިފާފައިވާއިރު، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރ (އެންސީޓީއޭ) އާ އިން ދަނީ ބައިނަލްއަގްވާމީ އެކި ފަރާތްތަކާއި ގުޅިގެން ފުޅާ ދާއިރާގައި ދީނީ ހަރުކަށި ދެކޮޅަށްމަސައްކަތްތަކެއް ކުރަމުންނެވެ. ހަރުކަށި ފިކުރުގެ މީހުންނަށް އަމާޒުކޮށްގެން ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމަ އަށް ދާ ދިވެހިންގެ އަދަދު އިތުރުވަމުން ދާތީ އެންސީޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ރާއްޖެ އަންނަން ބޭނުންވެގެން އެމީހުންގެ އާއިލާތަކުން ދަނީ އެދެމުންނެވެ.