ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ޝާއިއުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އަދާލަތު ޕާޓީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޕާޓީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ޝާއިއުކޮށްފައިވާ ކަމަށެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އޮންލައިކޮށް ޝަކުވާ ހުށަހެޅުމުގެ އިތުރުން ޝަކުވާ ހުށަހަޅާ ފޯމް، މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ.
އަދާލަތުން ބުނީ، އިންތިޚާބުގައި ވޯޓުލެެވޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށް ކަމަށެވެ. އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާން ކުރިން ނިންމާފައި އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ޕާޓީގެ އެންމެ އިސް ދެ މަގާމަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާތީވެ އެކަމަށް ފާޑުކިޔުން އަމާޒުވެ އަސާސީ ގަވާއިދަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.