އަންނަ އާދިއްތަ ދުވަހު އެކުވެނި ސިންތެޓިކް ޓްރެކް އާއްމުންނަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

މިރޭ ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ ޓްރެކް އަލަށް ހުޅުވާލާއިރު އަމަލުކުރަން ނިންމާފައިވާ އުސޫލުތައް އާއްމުކުރައްވާފައެވެ. އެގޮތުން އާއްމުންނަށް ޓްރެކް ބޭނުންކުރެވޭނީ ފަތިހު 05:00 އިން ފެށިގެން 08:00 އަދި ހަވީރު 06:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށެވެ. ޓްރެކް ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށްފައިވާއިރު ސިންގަލްޔޫޒް ޕްލާސްޓިކް ވެސް ޓްރެކަށް ނުވެއްދޭނެއެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ނުވެއްދޭނެއެވެ. 

ކްރިކެޓް ކުޅެން ޚާއްސަކޮށްފައިވާ 35 ޔާޑްގެ ބައުންޑްރީ ވެސް ބޭނުންނުކުރެވޭއިރު ލޭން 1 އިން 3 އަށް ޚާއްސަކޮށްފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަނަށެވެ. އަދި ލޭން 4 އިން 7 އަށް ޚާއްސަ ކޮށްފައިވަނީ ދިގު ދުވުން ދުވާ ފަރާތްތަކަށެވެ. ހަމައެހެންމެ ލޭން 8 އަދި 9 ޚާއްސަ ކޮށްފައިވަނީ ހިނގާ ފަރާތްތަކަށާއި ޖޮގްކުރާ ފަރާތްތަކަށެވެ. ފުޓްބޯޅަ ކުޅޭ ބޫޓާއި ޓްރެއިނިންގ ބޫޓާއެކު ޓްރެކަށް ނުވަދެވޭއިރު ދުވަން ޚާއްސަ ބޫޓު ބޭނުންކުރަން ޖެހެއެވެ. އަދި ކަސްރަތު ކުރުމަށް ބޭނުންކުރާ ބަރާއި ޓަޔަރު ވެސް ޓްރެކަށް ނުވެއްދޭނެއެވެ. 

އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު ބާއްވާނެއެވެ. މިއީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޓްރެކެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.