މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓުން ވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭރުކޮށްލައިފިއެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މުއްދަތެއް ނެތް ގޮތަށް ރައީސް ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކުރުމަށްފަހު ޚާއްސަ ތަހުގީގެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސްނެޕްޗެޓް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް އެންމެ ފައިދާވާނެ ގޮތަށް ދިގު މުއްދަތަކަށް ނެގޭނެ ފިޔަވަޅަކާ ގުޅޭ ގޮތުން އެ ކުންފުނިން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ސްނެޕްޗެޓުން ހާމަކޮށްފައިވެއެވެ.
އެގޮތުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައީސް ޓްރަމްޕްގެ އެކައުންޓް އެއްކޮށް ސަސްޕެންޑްކޮށް ސްނެޕްޗެޓް ބޭނުންނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ސްނެޕްޗެޓުން ހާމަކޮށްފައިވެއެވެ. އެގޮތުން ދޮގު ޚަބަރު ފެތުރުމަށާއި ހަމަނުޖެހުން އުފެއްދުމަށް ރައީސް ޓްރަމްޕް މަސައްކަތްކުރައްވާފައިވާ ކަމަށާއި އެއީ އެ ކުންފުނިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ސީދާ ޚިލާފް ކަމެއް ކަމަށް ސްނެޕްޗެޓްގެ ސްޕޯކްސްޕާސަން ބުނެފައިވެއެވެ.
ސްނެޕްޗެޓުން ޓްރަމްޕް ބޭރުކޮށްލާފައިވާއިރު ފޭސްބުކްއިން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ޓްރަމްޕަށް އެ ނެޓްވޯކް ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ. އަދި ޓްވިޓަރއިން ވެސް ވަނީ އެއްވެސް ވަރަކަށް އެ ނެޓްވޯކް ބޭނުންނުކުރެވޭ ގޮތަށް ޓްރަމްޕް ބޭންކޮށްފައެވެ. ހަމައެހެންމެ ޔޫޓިއުބުން ވެސް ވަނީ ރައީސް ޓްރަމްޕްގެ ޗެނަލް އެ ހަފްތާއަށް ސަސްޕެންޑްކޮށްފައެވެ.