އަންނަ ފެބްރުއަރީ މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ތަރުޖަމާނުގެ މަގާމާއި އަލަށް ހަވާލުވެވަޑައިގެންނެވި މަބްރޫކާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާ އަދި މައުލޫމާތު ދިނުމުގައި ރަނގަޅު ކުރަން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމަށްފަހު މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން ރައީސް އޮފީހުން ގަވާއިދުން ނޫސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ މީޑިއާތަކަށް މައުލޫމާތު ހޯދަން ފަސޭވާނެ ފަދަ ގޮތްތަކަށް ކަންކަން ރާއްވަވާނެ ކަމަށާއި އަދި ރައީސް އޮފީހުގައި ޕްރެސް ކޯޕްސްއެއް އެކުލަވާލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. 

ޕްރެސް ކޯޕްސްއަކީ ވަކި އިދާރާއަކަށް ޚާއްސަ ކުރެވިގެން އެކި މީޑިއާތަކުން ހޮވާލެވޭ ނޫސްވެރިންގެ މައްޗަށް އެކުލަވާލެވޭ ގްރޫޕެކެވެ. ރައީސް އޮފީހުގައި ޕްރެސް ކޯޕްސްއެއް އެކުލަވާލުމާއެކު ރައީސް އަދި ނައިބް ރައީސްގެ އިވެންޓްތަކާއި، އެ އޮފީހުގެ މަސައްކަތްތަކާއި އަދި އެ އޮފީހުގެ އެކި އިވެންޓްތަކުގެ އިތުރުން އެ އޮފީހުން ފޯރުކޮށްދޭ މައުލޫމާތުތައް ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭނީ އެ ޕްރެސް ކޯޕްސްގައި ހިމެނޭ ނޫސްވެރިންނެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް އައްޔަނުކުރެއްވީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކުރިން އެމަގާމުގައި ހުންނެވީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.