މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުންދަނީ ރަޝިޔާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ރަޝިޔާއިން 9،830 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ކަމަށްވާ 36،000 ގެ 27.3 އިންސައްތައެވެ.
ރަޝިޔާއަށް ފަހު ދެން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރަމުންދަނީ އިންޑިއާއާއި ޔޫކްރެއިންގެ ފަތުރުވެރިންނެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު 4،195 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. އެވަރޭޖްކޮށް ފަތުރުވެރިން މިހާރު 9 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.
ކޮވިޑްއާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ރާއްޖެ ހުޅުވާލުމާއެކުވެސް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއާއި ރަޝިޔާއިންނެވެ.
މިއަހަރުގެ މިހާތަނަށް 36،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 46.5 އިންސައްތައިގެ ދަށްވުމެކެވެ. އެވަރޭޖްކޮށް ދުވާލަކު 3000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަމުންދާއިރު، ވެކްސިން ހަލުވިކަމާއެކު ޖަހަން ފެށުމާއެކު ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާކުރެއެވެ.