މިދިޔަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކޮވިޑްގެ ސަބަބުން ފަސްކުރުމާއި ގުޅިގެން ފާސްކުރި ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލްގެ ފުރަތަމަ ކިޔުން ދައުރުން ބޭރުގައި ބޭއްވުނު މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފުރަތަމަ ޖަލްސާގައި އިއްވައިފިއެވެ. 

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގައި ބިލްގެ ފުރަތަމަ ކިޔުން ވަނީ މިރޭ އިއްވާފައެވެ. ފުރަތަމަ ކިޔުން އިއްވުމަކީ ބިލްގެ ސުރުޚީ މަޖިލީހުގެ ތަޅުމުގައި އިއްވުމެވެ. އަދި ފުރަތަމަ ކިޔުމަށްފަހު ބަހުސް ފެށުމާއި ހަމަޔަށް މެމްބަރުންނަށް ކުޑަ ދުވަސްކޮޅެއް ލިބޭނެއެވެ. އަދި ފުރަތަމަ ކިޔުމަށްފަހު ބިލް މަޖިލިސް މެމްބަރުންނަށް ލިބޭއިރު މި ލިބޭ ދުވަސްކޮޅުގެ ތެރޭގައި މެމްބަރުންނަށް ބިލް ދިރާސާކުރުމަށް ވަގުތުކޮޅެއް ލިބޭނެއެވެ. 

ޖަލްސާ ފެށުމާއެކު އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރެއްވިއިރު ޖަލްސާ ވަނީ މާ ގިނަ އިރުތަކެއް ނުވެ ނިންމާލާފައެވެ. އެގޮތުން 20:32 ގައި ފެށި ޖަލްސާ ވަނީ ފަސް މިނެޓު ނުވަނީސް ނިންމާލާފައެވެ. ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު މެމްބަރުން އަޑުގަދަ ކުރެއްވިއިރު އެންމެ ބޮޑަށް އަޑުގަދަކުރެއްވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ.

މި ޖަލްސާގައި ރައްޔިތުންގެ މަޖލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ޖަލްސާއެއް މި މަހުގެ 17 ވަނަ ދުވަހު ވޭސް ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ދުވަހު މި ބިލްގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންގޮސް ވާހަކަ ދައްކަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވާ ނިމެން ދެން ޖަލްސާ ކުރިޔަށް ގެންދިޔުމަށް ގަސްތުކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެޔަށް ފަހު ކޮމިޓީއަށް ފޮނުވައި ކޮމިޓީ މަރުހަލާއަށް ތިން ދުވަސް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.