ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ފަރާތުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި ޚިލާފަށް އަމަލުކުރައްވާފައިވާތީ ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާ އުފުލުމާއި ގުޅިގެންނެވެ. މި ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ބޭރަށް ވަޑައިގެންފިނަމަ ފިއްލަވާފާނެކަމުގެ ފުރުސަތު އޮތުމުންނެވެ. 

ކްރިމިނަލް ކޯޓުގެ މި ހުކުމް ބާތިލްކަމަށް ނިންމާފައިވަނީ ހައި ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި މައްސަލާގައި ދައުލަތުން ހަވާލާދީފައިވާ ހެއްކަކީ ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ބޭނުންވާކަން އެނގޭ ހެއްކެއް ނަމަވެސް އެއީ ރާއްޖެ ދޫކޮށް ފިލައިގެން ދާން ޖިހާދު އުޅޭ ހެއްކެއް ނޫން ކަމަށް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. 

ޖިހާދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް އަންނަނީ ހިނގަމުންނެވެ. މި މައްސަލައިގެ ކުރިން ވެސް ޖިހާދަށް ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައެވެ. ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފާއިން ބަދަލު ހޯދަން ދައުވާކޮށްފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖެއްސި ރެހެންދި ފްލެޓް ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި މައްސަލާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.