ފުވައްމުލައް ސިޓީގައި މިވަގުތު އޮތް އެންމެ ބޮޑު ޓޫރިސްޓް ސްޕޮޓް ކަމަށްވާ "ޓައިގާ ޒޫ" އަކީ ފުވައްމުލައް ބަނދަރު ތޮށީގެ ބޭރުގައި އޮންނަ "ފަރިކެޑެ" ސަރަހައްދުގެ ބައެކެވެ. މިހާރު ހިމާޔަތް ކޮށްފައިވާ މި ސަރަހައްދަށް ނަން ދެވުނީ މިޔަރުގެ ބާވަތެއް ކަމަށްވާ ފެމުނު މިޔަރު ނުވަތަ ޓައިގާ ޝާކް މި ސަރަހައްދުގައި އާލާވެފައިވާތީއެވެ. ޒަމާނުއްސުރެ ގުދުރަތީ ރީތިކަމަށް މަޝްހޫރުވެފައިވާ ފުވައްމުލަކުން ފަހަކަށް އައިސް ޓައިގާ ޝާކް ފެންނަން ފެށީ ކީއްވެތޯ މިއީ ހަމަ ގައިމުވެސް އުފެދޭ ސުވާލެކެވެ.
ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ބެލެވޭ ގޮތުގައި، ފުވައްމުލަކުގައި މިޔަރު އުޅެން ފެށީ އިއްޔެ މިއަދަކު ނޫނެވެ. ފުވައްމުލަކުގައި މަސްވެރިކަން ކުރަން ފެށީއްސުރެ އެރަށުގައި މިޔަރު އުޅޭ ކަމަށް ބެލެވެއެވެ. ފުވައްމުލަކުގައި ޓައިގާ ޝާރކް އުޅޭކަން ދެނެގަނެވި، "ޝާކް އައިލެންޑް"ގެ ގޮތުގައި ފުވައްމުލައް މަޝްހޫރު ކުރުމުގެ ފަހަތުގައި ވަނީ ބައެއްގެ ބުރަ މަސައްކަތެވެ.
ޝާކް އައިލެންޑް މަޝްހޫރުކުރުމުގެ މޭސްތިރިން
ރާއްޖޭގައި ޓައިގާ ޝާކް ޑައިވިން ފެށިގެން އައީ 2017 ވަަނަ އަހަރު، "ފުވައްމުލައް ޑައިވް ސްކޫލް"ގެ ނަމުގައި ޕްރޮފެޝަނަލް ޑައިވިން ފެސިލިޓީއެއް ހުޅުވި ހިސާބުންނެވެ. މި ޑައިވް ސްކޫލަކީ ދެމަފިރިން ކަމަށްވާ ޓަޓިއާނާ އިވަނޯވާ އަދި އިބްރާހިމް ޝިޔާން ހިންގާ ތަނެކެވެ.

ފުވައްމުލައް ޓައިގާ އައިލެންޑްގެ ގޮތުގައި މަޝްހޫރު ކުރުމުގެ މޭސްތިރިން: ޓަޓިއާނާ އިވަނޯވާ އަދި އިބްރާހިމް ޝިޔާން -- ފޮޓޯ: މުހައްމަދު ޝަރުހާން
ޝިޔާން އަކީ ރާއްޖޭގެ ޑައިވިން އިންޑަސްޓްރީގައި ތަޖުރިބާ ލިބިފައިވާ ޑައިވިން އިންސްޓްރަކްޓަރެކެވެ. ޓަޓިއާނާއަކީ 2001 ވަނަ އަހަރުއްސުރެ ރާއްޖެއަށް ދަތުރުކުރާ، ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުން ވެސް ރާއްޖެ ދެކެ ލޯބި ޖެހިފައިވާ ރަޝިޔާ އަންހެނެކެވެ. 15 އަހަރުތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި އެތަކެއް ދަތުރުތަކަށްފަހު ދިރިއުޅުން ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ފުވައްމުލައްކަން އިހުސާސްވެ، އޭނާގެ ފިރިމީހާއާ ދެމީހުން ވެގެން ފުވައްމުލަކުގައި ޑައިވިން ސްކޫލެއް ހުޅުވީ 2017 ވަނަ އަހަރެވެ. އޭރުއްސުރެ އެ ދެމަފިރިންނަކީ ކޮންމެ ދުވަހަކު ފުވައްމުލަކުގައި ޑައިވިން އަށް ދާ ދެމީހުންނެވެ.
"ޓައިގާ ޒޫ"ގެ ފެށުން
ފުވައްމުލަކު ޓައިގާ ޒޫގެ ވާހަކަ ދުނިޔެއަށް އެނގިގެންދިޔައީ 2016 ވަނަ އަހަރު ޓަޓިއާނާ ފުވައްމުލަކަށް ކުރި ދަތުރެއްގައި ފުރަތަމަ ޓައިގާ ޑައިވްއަށް ދިޔަ ހިސާބުންނެވެ. އޭރު ފުވައްމުލަކުގައި ޓައިގާ ޝާކް އުޅޭ ކަމަށް ބުނެ އުޅުނީ ތުންތުންމަތިންނެވެ. އެކި މީހުންނަށް ޓައިގާ ޝާކްގެ ތަންތަންކޮޅު ފެނުނު ކަމަށް ބުނި ނަމަވެސް އެކަމަށް ހެކި ދޭ އެއްވެސް އެއްޗެއް ނެތެވެ. ފުވައްމުލައް ވެފައި އޮތީ ޑައިވަރުންނަށް "މިސްޓްރީ" އަކަށެވެ.
ވެން އައި ސީ ދަ ޓައިގާ ޝާކްސް އެންޑް ސޭފް ކޮންޑިޝަންސް ޓު ޑައިވް ވިތް ދެމް، އައި އަންޑަސްޓޭންޑް ދެޓް ކެނޮޓް ބީ ޕްލޭސް ބެޓަރ އެވަރ
ހުރިހާ އެއްޗެއް ދޫކޮށް ފިރިމީހާ ޝިޔާންއާއެކު ޓަޓިއާނާގެ ދިރިއުޅުން ފުވައްމުލަކަށް ބަދަލު ކުރީ ޓައިގާ ޝާކް ފެނި، އެއާ އެއްކޮށް ފީނާނެ ރައްކާތެރި މާހައުލެއް ފެނުމުން، މިއަށް ވުރެ ރަނގަޅު ގޮތެއް ނެތްކަން އިހުސާސްވެއެވެ. އޭނާ ކިޔައިދިން ގޮތުގައި ފުވައްމުލަކަށް ބަދަލުވެ، ފުރަތަމަ ފަސް މަސް ދުވަހު ޓައިގާ ޝާކާއެކު ފީނަން ދިޔައީ އެ ދެމަފިރިން އެކަނި ކަމަށެވެ.

ފުވައްމުލަކު ޓައިގާ ޒޫ ހުންނަ ސަރަހައްދު -- ފޮޓޯ: ފުވައްމުލައް ޑައިވް ސްކޫލް
އޭރު ފުވައްމުލަކަށް އެހާ ގިނަ ފަތުރުވެރިން ޒިޔާރަތް ނުކުރާތީ، މިއީ ފީނަން ތަފާތު މަންޒިލެއްކަން ދުނިޔެއަށް ކިޔައިދޭން ވަގުތު ނެގިއެވެ. ޓައިގާ ޝާކް އުޅޭ ސަރަހައްދަށް "ޓައިގާ ޒޫ"ގެ ނަމުން ނަންދީ، ޓައިގާ ޝާކްގެ ވީޑިއޯތައް ފޭސްބުކް މެދުވެރިކޮށް އިޝްތިހާރު ކުރަމުން ދިޔައީ ޝިޔާންއެވެ. މިއަދު ދުނިޔެއަށް ފުވައްމުލަކުގެ ޓައިގާ ޒޫ މަޝްހޫރުވެފައި ވަނީ މީގެ ފަސް އަހަރު ކުރިން އެ ދެމަފިރިން ކުރި ބުރަ މަސައްކަތުންނެވެ.
މީގެ އަހަރުތަކެއް ކުރިން ފުވައްމުލަކުގެ މޫދު އޮންނަނީ ވަރަށް ބޮޑަށް ކުނި ވެފައެވެ. ބަންދަރު މަތީގައި އޮންނަނީ މަސްވެރިން މަސް ބާނައިގެން އައިސް، މަހުގެ ބައިތައް ވަކި ކުރުމަށްފަހު ބާކީވާ ކުނިތަކެވެ. ރަށުގައި މަދު ގެސްޓްހައުސްތަކެއް ހުރިއިރު، އެތަންތަން ހުންނަނީ ފަޅަށެވެ. އަދި ރަށުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ތިބީ ރަށުން ބޭރުގެ އެހެނިހެން ޓޫރިސްޓް ފެސިލިޓީތަކުގައެވެ.
އެހެންކަމުން ފުވައްމުލަކުގައި ޑައިވް ސްކޫލެއް ހުޅުވަން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނުއިރު، އެކަން ކާމިޔާބު ވާނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރި ކަމަށް ޝިޔާން ބުނެއެވެ.

ފުވައްމުލައް ޑައިވް ސްކޫލުގެ ޓީމް -- ފޮޓޯ: މުހައްމަދު ޝަރުހާން
އޭނާ ކިޔައިދިން ގޮތުގައި ބަނދަރުމަތި ސާފުކޮށް، މަސްވެރިން މަސްކަނޑައިގެން ބާކީވާ ކުނި އެއް ތަނަކަށް އެޅުމުގެ ޒިންމާ އުފުލީ އަމިއްލައަށް ކަމަށެވެ. އަދި އެ ތަކެތި އެޅުމަށްފަހު ޝާކް ބަލަން ކޮންމެ ދުވަހަކު ޑައިވިންއަށް ދާ ކަމަށެވެ.
ފުރަތަމަ މިޔަރުތައް ވަރަށް 'ޝައި' ވާނެ، ތިލަ ހިސާބަށް އަންނާނީ ވެސް ވަރަށް މަދުން، ދެތިން މަސް ފަހުން އެ އެއްޗެހި ޑައިވަރުންނާ ރައްޓެހިވެ، ތިލަ ހިސާބަށް އަންނަން ފެށީ، އެހިސާބުން ރީތި ފޮޓޯތައް ވެސް ނެގެން ފެށީ.
ފުވައްމުލަށް ޑައިވް ސްކޫލް ހުޅުވައިގެން ފުރަތަމަ ދެ އަހަރު، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ޓަޓިއާނާ އާއި ޝިޔާން ބުނެއެވެ. އެ ޑައިވިން ސްކޫލަކީ ފުވައްމުލަކުގައި އޭރު ހުރި ހަމައެކަނި ޑައިވިން ސެންޓަރު ކަމުން "ޝާކް ފީޑް" ކުރާ ކަމުގެ ހުރިހާ ތުހުމަތެއް އުފުލަން ޖެހުނީ އެމީހުންނެވެ.
ފުވައްމުލަކުގައި "ޝާކް ފީޑް" އެއް ނުކުރޭ!
ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތް ގޮތުން ނަމަ ބައެއް ގައުމުތަކުގައި މިޔަރަށް އަތުން ކާން ދޭ ގޮތަށް ފުވައްމުލަކުގައި ވެސް މިޔަރަށް ކާން ދެނީއެވެ. ނަމަވެސް އެއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ. ފުވައްމުލަކު ޓައިގާ ޒޫގެ އުފެދިގެން އައީ، މަސްވެރިން ކުނީގެ ގޮތުގައި އުކާލާ މަސް ކުނި އެއްކޮށްގެން، އެ އެއްޗެހި ޓައިގާ ޝާކަށް "ޑަމްޕް" ކުރަން ފެށި ހިސާބުންނެވެ. މިކަމާ "ޝާކް ފީޑިން" އާ އޮތް ތަފާތަކީ، ޝާކް ފީޑިން އަކީ އަތުން މިޔަރުތަކަށް ކާން ދިނުމެވެ. ނަމަވެސް، މަސް ކުނި އެއްކޮށްގެން "ޑަމްޕް" ކުރުމަކީ އެ އެއްޗެހި މޫދަށް އެޅުމެވެ. ޑަމްޕް ކުރުމަށްފަހު ޑައިވަރުން ތިބެނީ މިޔަރުތައް ކާ މަންޒަރު ބަލަން ދުރުގައެވެ.

ޑައިވަރަކު ޓައިގާ ޝާކެއްގެ ފޮޓޯ ނަގަނީ -- ފޮޓޯ: ފުވައްމުލައް ޑައިވް ސްކޫލް
ފުވައްމުލައް ޑައިވް ސްކޫލު ހުޅުވިގެން އައިއިރު، މިޔަރަށް ކާންދޭ ކަމުގެ ތުހުމަތުތަކާއެކު، ބަޔަކު ވަނީ ޓޫރިޒަމް މިނިސްޓްރީއަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އެގޮތުން، މަސް ކުނި މޫދަށް އަޅާ މަންޒަރު ވީޑިއޯކޮށް، މިނިސްޓްރީއަށް މައްސަލަ ޖެއްސުމުން އެކަން ވަގުތުން ހުއްޓާލުމަށް އަންގާ މިނިސްޓްރީން ސިޓީވެސް ފޮނުވިއެވެ. ނަމަވެސް މިހާރު ކަން ހިނގާގޮތް ސާފުވެ، ޓައިގާ ޝާކް ޑައިވް ކުރުމަކީ ފުވައްމުލަކުގެ ފަތުރުވެރިކަމަށް ކިހާ މުހިންމު ކަމެއްކަން ގިނަ ބަޔަކަށް ވަނީ އިހުސާސް ވެފައެވެ. މިއާއެކު ފާއިތުވި ދެތިން އަހަރުގައި ފުވައްމުލަކުގައި އާ ޑައިވިން ސްކޫލްތައް ވެސް ވަނީ ހުޅުވާފައެވެ.
މަސްވެރިންނާއި މިޔަރު، ކޮން ކޯޅުމެއް؟
ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިސް ދައުރެއް އަދާ ކުރާ މި މިޔަރުތަކާއި، އެރަށުގެ ބައެއް މަސްވެރިންނާ ކޮންމެވެސް ވަރެއްގެ ކޯޅުމެއް އެބައޮތެވެ. މިޔަރަކީ ނުރައްކާތެރި، އިންސާނުންނަށް ހަމަލާދޭނެ އެއްޗެއް ކަމަށް ބައެއް މަސްވެރިން ސިފަ ކުރަމުންދާއިރު، އަނެއްބައި މަސްވެރިންގެ ބަސްމަގު މިއާ ހިލާފެވެ. ބައެއް މަސްވެރިންނަށް މިޔަރު ކަމުނުދާ އެންމެ ބޮޑު ސަބަބަކީ، ބާނާ މަހުގެ އަނެއްބައި މިޔަރު ކާލާތީއެވެ.
ފުވައްމުލަކުގައި ޑައިވް ކުރާ ބައެއްގެ ފަރާތުން މައުލޫމާތު ސާފު ކުރިއިރު، މަސްވެރިން މަހަށް ނިކުމެ އުޅޭ ވަގުތަކީ ބަނދަރު މަތިން މިޔަރު ނުފެންނަ ވަގުތެވެ. އަދި މަސްވެރިން މަހުން ލަފާ ވަގުތާ ދިމާކޮށް ޑައިވް އަށް ފައިބައިފި ނަމަ، މިޔަރު ފެންނަ ކަމަށް ޑައިވަރުން ބުނެއެވެ. އެމީހުން ބުނާ ގޮތުގައި، މަސްވެރިންނާއެކު މިޔަރުތައް ވެސް މަހަށް ދަނީ ކަމަށެވެ. އަދި މަހުން ލެފުމުން، މަސްވެރިންނާއެކު ގޮސް ބަނދަރު ކައިރީގައި އޮންނަ އެމީހުންގެ ޒުލަށް ދަނީއެވެ.
ޓައިގާ ޒޫއާއެކު ފުވައްމުލަކަށް އޮތީ ފަހި މުސްތަގުބަލެއް
ގިނަ ގޮންޖެހުންތަކާއެކުމެ މީގެ 5 އަހަރު ކުރިން ފުވައްމުލަކުގައި ގާއިމްކުރި ޑައިވް ސްކޫލް މިއަދު ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑައިވް ސްކޫލަށް ވެފައެވެ. އެތަނުގެ ހައި ސްޓޭންޑަރޑްސްއާއެކު އެތަނަކީ މިހާރު ފައިވް ސްޓާރ ޕެޑީ ޑައިިން ފެސިލިޓީއެކެވެ.

ފުވައްމުލައް ޑައިވް ސްކޫލުގެ ޑައިވަރަކު ޑައިވިން އަށް ދާން ރެޑީ ވެގެން -- ފޮޓޯ: ބޮބް
ހަމައެއާއެކު ފުވައްމުލައް ޑައިވް ސްކޫލުން މިހާރު ގެންދަނީ ފުވައްމުލަކުގައި އުޅޭ ޓައިގާ ޝާކާއި އެހެނިހެން އިލާމޮބްރަންކް އާ ބެހޭގޮތުން ސަރުކާރުގެ ރަސްމީ ދިރާސާއެއް ހަދަމުންނެވެ. އެ ޑައިވް ސްކޫލުން ވަނީ ޓައިގާ ޝާކްއާއި އޭގެ އުޅުމާ ބެހޭގޮތުން ގިނަ ކަންތައްތަކެއް ދިރާސާކޮށް ހޯދާފައެވެ.
ފޯ ނައު، ދަ ޓައިގާ ޒޫ ޑޭޓާ ބޭސް އިންކްލޫޑްސް މޯ ދެން 200 ސްޕީޝީޒް، އެންޑް ވީ ސްޓިލް އައިޑެންޓިފައި ނިއު އެންޑް ނިއު އިންޑިވިޖުއަލްސް
ޓަޓިއާނާ ކިޔައިދިން ގޮތުގައި ޓައިގާ ޒޫގައި ގިނައިން އުޅެނީ އަންހެން މިޔަރެވެ. އޭގެ ތެރޭގައި މާބަނޑު މިޔަރުތައް ގިނަކަން އޭނާ ފާހަގަ ކުރެއެވެ. އޭނާ ބުނީ މިޔަރުތަކަކީ ތަފާތު މިޒާޖުގެ އެއްޗެހި ކަމަށާއި، އޭގެ މޫނަށް ރަނގަޅަށް ބަލައިފިނަމަ، ކޮންމެ މިޔަރަކީ ތަފާތު އެއްޗެއް ކަން އެނގޭނެ ކަމަށެވެ.
ޓައިގާ ޝާކަކީ ރީތި، އެއްޗެއް ކަމުގައި ވިޔަސް އެއާއެކު ޑައިވް ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ހަމަ އިންސާނުންނަށްވުރެ އެތައް ގުނައެއް ބޮޑު، ބިޔަ އެއްޗެކެވެ. އެހެންކަމުން ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު އެއަށް އިޚްތިރާމް ކުރަން ޖެހެއެވެ.