ގއ.ދެއްވަދޫއިން ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އެ ރަށުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 33 އަށް އަރައިފިއެވެ. 

ގއ.ދެއްވަދޫ ކްލަސްޓަރ އިން ފުރަތަމަ ޕޮޒިޓިވްވީ 24 ޑިސެމްބަރުގައެވެ. ދެވަނަ ކޭސް ފެނުނީ 6 ޖެނުއަރީގައެވެ. 7 ޖެނުއަރީގައި 6 ކޭސް އަދި 8 ޖެނުއަރީގައި 5 ކޭސް މި ކްލަސްޓަރ އިން ފެނިފައިވެއެވެ. އެޗްއީއޯސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކްލަސްޓަރ އިން 9 ޖެނުއަރީގައި ޕޮޒިޓިވްވީ 10 މީހެކެވެ. އަދި 10 ޖެނުއަރީގައި 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަލަށް ޕޮޒިޓިވްވީ 17 މީހުންނާއެކު ޖުމްލަ ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދެއްވަދޫއިން 33 މީހަކާއި، ހުޅުމާލެ ފްލެޓްއަކުން 2 މީހަކާއި ލ.ފޮނަދޫއިން 4 މީހެކެވެ.

ދެއްވަދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގެ 12 އާ ހަމައަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓް އަދި ރެންޑަމް ސާމްޕަލިންގ ގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ. 

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ މީހަކު ހިމެނޭއިރު، އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ. އެހެންނަމަވެސް، އުމުރުން 70 އަހަރުގެ މީހާވަނީ ގދ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައެވެ. އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮޒިޓިވްވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. ދެއްވަދޫއިން 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް ފެތުރުމާއި ގުޅިގެން 56 ގެއެއް ވަނީ ކަރަންޓީނުވެސް ކުރެވިފައެވެ.

ގއ.ދެއްވަދޫގައި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ކަންތައްތައް ކުރަން މެނުވީ މީހުން ބޭރަށް ނިކުމެ ނޫޅުމަށާއި، އަބަދުވެސް މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.