ސަރުކާރަށް ފާޑު ކިޔުމާއެކު މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، ޖަމިއްޔާތަކަށް ދޫކުރާ ގްރާންޓް ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ މަހްލޫފް ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރަށް ފާޑުކިޔުމަކީ ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަމެކެވެ.

ސަރުކާރަށް ފާޑުކިޔުމަކީ މި ސަރުކާރުން ހިއްވަރުދީ މަގުކޮށައިދޭނެކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރަށް އަމާޒުކުރެވޭ ފާޑުކިޔުންތައް ސަރުކާރަށް ބަލައިގަނެވޭނެ ކަމަށާއި އެހެންނަމަވެސް، ހަމައެކަނި ފާޑުކިޔުމަކުން މައްސަލަތައް ހައްލުނުވާކަމަށާއި، މައްސަލަތައް ހައްލުކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ސަރުކާރަކީ ޖަމިއްޔާ ޖަމާއަތްތަކަށް ބިރެއްގެ ގޮތުގައި ދައްކަން ބަޔަކު މީހުން މަސައްކަތްކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކް (އެމްޑީއެން) އުވާލުމަށް ނިންމި ނިންމުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ގާނޫނާއި ހިލާފުވުމުން ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށާއި، އެންޖީއޯ ރަޖިސްޓްރަރ އަކީ ޖަމިއްޔާތަކަށް ބިރެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމިއްޔާތަކަކީ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެގޮތުން، ޖަމިއްޔާތަކުން ކުރާ މަސައްކަތް ފުޅާކޮށް، ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން މިދިޔަ އަހަރުވެސް ގްރާންޓް ޕްރޮގްރާމް ހުޅުވާލިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިނުވާކަން މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވިއެވެ.

އެކަން ހައްލުކޮށް، ގްރާންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގެ 5 ސަރަހައްދެއްގައި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ވީހާވެސް ގިނަ ޖަމިއްޔާތަކުން މި ތަމްރީންތަކުގައި ބައިވެރިވުމަށް މިނިސްޓަރ އެދިލެއްވިއެވެ. އަދި 2021 ވަނަ އަހަރަކީ ތަފާތު ނަތީޖާއެއް ނެރެވޭނެ އަހަރެއްކަމަށް އުންމީދުކުރައްވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.