ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 149 ކިލޯގެ މައްސަލައަކީ އާދައިގެ މައްސަލައެއް ނޫނެވެ. ބޮޑު، ސީރިއަސް ކުށެކެވެ. ޑްރަގް ވަބާ އިންތިހާއަށް ބޮޑުވެ، ގައުމު ފަސާދައިގެ މަގަށް އަޅަމުންދާއިރު މިކަން ހުއްޓުވައި، މީހުންނަށް އަދަބު ދޭން ޖެހެއެވެ. އެކަމަކު އެހެން ނުވެ މިދަނީ މިފަދަ މައްސަލަތައް އާދައިގެ މައްސަލަތަކަށް ވެގެންދާތީއެވެ. ގޯހެއް ހެދުނީ ކަމަށް ބަލައި ނޫނީ ގޯހެއް ހަދައި މައްސަލަ ހިންދާލާތީއެވެ. މި ބުނާ 149 ކިލޯގެ މައްސަލަ ވެސް ގޮސްފައިމިވަނީ ހަމަ އެ ރާގަށެވެ. 

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ޑްރަގް އަތުލައިގަތީ އެކަމަށް ހިންގި ވަރުގަދަ އޮޕަރޭޝަނެއްގަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަން މީޑިއާގައި ވެސް އިޝްތިހާރުކޮށް ފޮޓޯތައް ވެސް ނެރުނެވެ. ނަމަވެސް އެ އޮޕަރޭޝަން އެ ބުނާ ވަރުގަދައެއް ނުވެ، ޗޮކުން ގޮސްފައިވަނީ އޭގައި ހަދާފައިވާ ބޮޑެތި ގޯސްތަކުންނެވެ. އެންމެ އަސާސީ ކަންކަމުގައި ހަދާފައި ހުރީ އިޖުރާއީ ބޮޑެތި ގޯސްތަކެވެ. ގާނޫނާ ހިލާފު ބޮޑެތި އިޖުރާއީ މައްސަލަތަކެއް، އެފަދަ ބޮޑު މައްސަލައެއްގައި އުޅުނު ފުލުހުންގެ އޮފިސަރުން ހަދާފައިވުމަކީ ކަންބޮޑުވުމެކެވެ. 

މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަޅު ރަށުގައި ވަޅުލާފައިވާ ޑްރަގްތައް ފުލުހުން ހޯދީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކުން އެ ޑްރަގްތަކާ ގުޅޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެންނެވެ. އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ތިބި ތަނަކަށް ފުލުހުން ވަދެގަނެގެނެވެ. އެތަނަށް ވަނުމަށް ކޯޓު އަމުރެއް ހޯދާފައެއް ނުވެއެވެ. ނަމަވެސް އެތަނަށް ވަނީ ތަނުގެ ވެރިމީހާގެ ހުއްދަ ހޯދައިގެން ކަމަށް ފުލުހުން ބުނާ ހަމައެކަނި ބުނުމެއް އެބަ އޮތެވެ. އެކަން ސާބިތުކޮށްދެވޭނެ ކަމެއް ނޭނގެއެވެ. ސާބިތުކޮށް ނުދެވިއްޖެނަމަ، އެ އޮތީ އިޖުރާއަތާ ހިލާފުވެވިފައެވެ. 

ފުލުހުން ބެލުމުގެ ދަށުގައި ތިބި މީހުން ގެންގުޅުނީ ހެކި ހޯދާށެވެ. އެމީހުން ދެއްކި ތަނެއް ބަލަމުން ފުލުހުން ދިޔައެވެ. ފުރަތަމަ ބެލި ފަޅު ރަށުން ޑްރަގް ނުވެސް ފެނުނެވެ. ދެން ގޮސް އެންމެ ފަހުން ޑްރަގްތައް ވަޅުލާފައި ހުރި ތަން ހޯދައި މައްސަލަ ކޮޅެއްގައި ޖެއްސިއެވެ. އޭރު ވެސް އެމީހުން ތިބީ ހައްޔަރުކޮށްފައެއް ނޫނެވެ. އެހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރެއާ އޭގެ އަނެއް ދުވަހާ ޖެހެންދެން ވެސް ތިބީ އެގޮތުގައެވެ. ހައްޔަރުކޮށްފައެއް ނުވަތަ ބަންދު ޖެހުމަށް ކޯޓަކަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ހައްޔަރަށް ނުވާ ގޮތެއްގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން ހަތަރު ގަޑިއިރަށެވެ. އެހެންވީއިރު އޭގެ ފަހަށް ހައްޔަރުކޮށްފައިނުވާނަމަ އެއީ ގާނޫނާ ހިލާފު ހިފެހެއްޓުމެކެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެހާ ގިނައިރު އެމީހުން ހައްޔަރުކުރުމަކާ ނުލައި ގެންގުޅުނު ސަބަބެއް ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް ނުދެއްކޭނެއެވެ. ގާނޫނު އެއަށްވުރެ މާ ސާފެވެ. 

މައްސަލާގެ ކުށާއި އެއާ ގުޅޭ ހެކި ހޯދާފައިމިވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެންނެވެ. ފުރަތަމަ ކަމަކަށް އެ އިޖުރާއަތް ސައްހަވެގެން ނޫން ގޮތަކަށް މުޅި މި މައްސަލަ ވެސް ހަމައެއް ނުޖެހޭނެއެވެ. ހޯދި ހެކި ކޯޓަށް ބަލައިގަނެވޭނެ ހަމަ އެއްގޮތް ވެސް ނޯންނާނެއެވެ. އެވަރު މަސައްކަތުން އެ ހޯދީ އެއްވެސް ބޭނުމެއް ނެތް ހެއްކެވެ. މިހާ ބޮޑު މައްސަލައެއްގައި މިއީ އާދައިގެ ކަމެއް ނޫނެވެ. ތަހުގީގު ނިންމައި، އެ އިޖުރާއަތްތައް އެހެން ހުއްޓަސް ދައުވާ ކުރުމަށް ފުލުހުން ފޮނުވިއެވެ. އޭރު މައްސަލާގެ ތުހުމަތުގައި ފަސް މީހަކު ތިބީ ހައްޔަރު ވެސް ކޮށްފައެވެ. 

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ލިބި އެ ފަރާތުން ކުރާނެ ދިރާސާއެއް ކުރުމަށް މައްސަލާގައި ފަސް މީހުންގެ މައްޗަށް ދައުވާ އުފުލައި، ކުރިމިނަލް ކޯޓަށް ފޮނުވިއެވެ. އެއީ ދައުވާ ކުރަން ޖެހޭ މުއްދަތު ކަމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަނުވެ އެއް ދުވަސް އޮތްވައެވެ. އެކަމަކު، ކުރިމިނަލް ކޯޓުން އެ މައްސަލަ ބަލައިނުގަތެވެ. އެ މައްސަލައަކީ ކުރިމިނަލް ކޯޓުގެ އިހުތިސޯސް ނެތް މައްސަލައެއް ކަމަށް ނިންމައި އައި މަގުން މައްސަލަ އަނބުރާ ފޮނުވާލީއެވެ. ކުރިމިނަލް ކޯޓުން ބުނި ގޮތުގައި މައްސަލާގެ އިހްތިސޯސް އޮތީ މެޖިސްޓްރޭޓް ކޯޓަށެވެ. ކޯޓުތަކުގެ އިހްތިސޯސް އާއި އިންތަކަކީ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހިތުދަސްވާން ޖެހޭ ކަންކަމެވެ. އެކަމުގައި ޕްރޮސިކިއުޓާ ޖެނަރަލަށް ގޯހެއް ހެދިގެން ނުވާނެއެވެ. އެކަމަކު މި މައްސަލާގައި އެ ގޯސް ވެސް ހަދައިފިއެވެ. 

ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފެއް ނުކުރެއެވެ. އޭގެން އެނގިގެން ދަނީ ގޯހެއް ހެދިއްޖެކަން ހުދު ޕްރޮސިކިއުޓާ ޖެނަރަލް ވެސް ގަބޫލުކުރި ކަމެވެ. ކުރިމިނަލް ކޯޓުން ބުނި ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލް ދެން ޓަކި ދިނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އެއީ އެ ފަޅު ރަށާ އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށުގެ ކޯޓެވެ. އެ މައްސަލަ ހިފައިގެން ގައްދޫ ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލަށް ދެވުނުއިރު ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި، ދެ މަސް ވަނީ ފާއިތުވެފައެވެ. ގޯހެއްގެ މައްޗަށް ގޯހެއް އެމުނެމުން ދަނީއެވެ. 

ގައްދޫ ކޯޓުން ވެސް 149 ކިލޯގެ ޑްރަގްގެ މައްސަލަ ބޭރުކޮށްލުމުގެ މައިގަނޑު އަސާސަކީއެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވުމަކީ ގާނޫނާ ހިލާފު ކަމަކަށްވާތީއެވެ. އަދި، އެގޮތަށް އޮތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެތީއެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފިނަމަ އެ ދައުވާއެއް ބާތިލްވާނެކަން މަތީ ކޯޓުތަކުގެ ނިންމުންތަކުން ވެސް ވަރަށް ސާފެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ޕްރޮސިކިއުޓާ ޖެނަރަލަށެވެ. ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލުމާއެކު، އެ މައްސަލާގައި ދެން ހަދާނެ ހަމަ އެއްގޮތެއް ވެސް ނެތްކަން ހާމަވީއެވެ. އެބަޔަކު މިނިވަންވެ، މި ބޮޑު މައްސަލައިން މިންޖުވީއެވެ. 

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހިފައިގެން ހައިކޯޓަށް ނުދާން ނިންމާފައެވެ. ސަބަބު ވަރަށް ސާފެވެ. ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާ ހިލާފަށް އަމަލު ކުރެވިފައިވާތީއެވެ. އޭގެ ދިފާއުގައި ދައްކާނެ ވާހަކައެއް، އެދޭނެ އެދުމެއް ނެތީމައެވެ. ހައިކޯޓުން ބުނާނެ އެއްޗެއް ޕްރޮސިކިއުޓާ ޖެނަރަލަށް ރަނގަޅަށް އެނގޭތީއެވެ. އެހެން ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވަނީ މައްސަލާގައި އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އޭގެ ތަފްސީލަކަށް ނުދެއެވެ. އެހެން އެ އޮފީހުން ބުނިއިރު އެ މައްސަލާގައި ހުރި އިހުމާލުތަކާއި އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާ ކުރުންތައް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެއީ ބެލެން ޖެހޭ ކަމެކެވެ. އެހާ ބޮޑު ގޯހަކީ ހަމަ ގޯހެއް ހެދުނީއޭ ކިޔާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. 

ޑްރަގްގެ މިފަދަ ބޮޑެތި ހުރިހާ މައްސަލައެއްގައިހެން އިޖުރާއީ ކޮންމެ ވެސް ގޯހެއް ފުލުހުންގެ ތަހުގީގުގައި ހަދާފައި އޮވެއެވެ. އޭގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ތިބޭ ކުށްވެރިން ދޫކޮށްލަން ޖެހެއެވެ. ޑްރަގްގެ ބޮޑެތި މާފިޔާއިންނާއި ޑީލަރުން އަދި ގޭންގްތައް މިންޖުވެގެންދެއެވެ. މިއީ ތަކުރާރުވަމުން އަންނަ ސިލްސިލާއެކެވެ. ހުޅުވާރުލުގެ ކޭސްއަކީ އޭގެ އެންމެ ފަހު ބޮޅެވެ. ނަމަވެސް މީގެ ފަހަށް އިތުރު ބޮޅެއް އެމުނަ ނުދިނުމަކީ ކުރަން ޖެހިފައި އޮތް ބޮޑު މަސައްކަތެކެވެ. 

މި ސިލްސިލާ މިހެން ތަކުރާރުވަމުންދާ އޮތީ މައިގަނޑު ދެ ސަބަބެކެވެ. މިފަދަ އޮޕަރޭޝަންތަކަށް ހާއްސަ ފުލުހުންގެ އޮފިސަރުންނަށް އެންމެ ފަރިތަވާން ޖެހޭނެ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއާ ގުޅޭ ގަވައިދުތައް ފަހުމްނުވުމެވެ. ގާނޫނުގައި ބުނެފައިވާ އެއްޗެއް ރަނގަޅަށް އެނގިފައި ނެތުން ނުވަތަ އެމީހުންނަށް ބުނެދެވިފައިނުވުމެވެ. އެކަށީގެންވާ ތަމްރީނާއި ތައުލީމު ނެތީއެވެ. ގާބިލް ބަޔަކަށް ނުވަނީއެވެ. ދެން އޮތީ އަނެއް ގޮތެވެ. ގަސްދުގައި މި ގޯހެއް ހެދުމެވެ. ކުށްވެރިންނަށް މިންޖުވެވޭނެ ބާގަނޑެއް އުފައްދައިދިނުމެވެ. މިއީ ސަބަބެއްނަމަ، ވަރަށް ނުރައްކަލެވެ. 

މިފަހުން ފުލުހުންގެ ގެންދަނީ ޑްރަގްގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، ބޮޑެތި އަދަދުން ޑްރަގް އަތުލައިގަންނަމުންނެވެ. އެހެން ކަމަށްވީއިރު އެ އޮޕަރޭޝްންތަކުގެ ހަގީގީ ފައިދާވެ، މުޖުތަމައުއަށް ބަދަލެއް އަންނާނީ މި އިހުމާލުތަކުން އެއް ފަރާތްވެގެންނެވެ. މުޖުތަމައުގެ ހައްގުގައި ކުރާ މިފަދަ ކަންކަމުގައި އިހުމާލުވުމަކީ އޮތް ހައްގެއް، ނޫނީ އިހްތިޔާރެއް ނޫނެވެ. އެފަދަ އިހުމާލުތަކަށް ވަކިވަކި ފަރުދުން ވެސް ޒިންމާ އުފުލަން ޖެހޭނެއެވެ. އެ ޒިންމާ އުފުލުވައި، އެކަށީގެންވާ ފިޔަވަޅު 149 ކިލޯގެ މައްސަލާގެ އިހުމާލުވެރިންނަށް އެޅިއްޖެނަމަ، ބޮޑު ފިލާވަޅަކަށް ވެގެންދާނެއެވެ. މަޖިލީހުގެ ކޮމިޓީ އާއި ޕްރޮސިކިއުޓާ ޖެނަރަލުން މި މައްސަލާގައި ދެން ނިންމާނެ ނިންމުންތަކާއި އަޅާނެ ފިޔަވަޅުތައް މުހިންމު ވަނީ އެހެންވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.