މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯރމް ޔޫޓިއުބް އިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭން ނުކޮށްފިނަމަ އެ ޕްލެޓްފޯރމް ބޮއިކޮޓް ކުރަން އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުން ނިންމައިފިއެވެ.
އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕެއްގެ އިސް ފަރާތެއްކަމަށްވާ ޖޯން ސްޓޭޔަރ "ރޮއިޓަރސް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޓްރަމްޕްގެ އެކައުންޓް ބޭން ނުކޮށްފިނަމަ ޔޫޓިއުބް ބޮއިކޮޓް ކުރުމަށް އެޑްވަޓައިޒަރުންގެ ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، "ސްޓޮޕް ހޭޓް ފޮރ ޕްރޮފިޓް" ނަމުގައި މި ފަރާތްތަކުން ވަނީ ޖުލައި މަހުގެ ތެރޭގައި 1،000 އެޑްވަޓައިޒަރުން ހިމަނައިގެން ފޭސްބުކް ބޮއިކޮޓް ކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ޔޫޓިއުބްއިން ޓްރަމްޕްގެ ވެރިފައިޑް ޗެނަލް ބޭން ނުކޮށްފިނަމަ ޔޫޓިއުބްއާ ދެކޮޅަށްވެސް މިފަދަ ފިޔަވަޅުތަކެއް އަޅާނެކަން މިހާރުވަނީ އިއުލާންކޮށްފައެވެ.
ޓްރަމްޕްގެ ޔޫޓިއުބް ވެރިފައިޑް ޗެނަލްގައި 2.76 މިލިއަން ސަބްސްކަރައިބަރސް ހިމެނެއެވެ. ދުނިޔޭގެ ގިނަ ސޯޝަލް މީޑިއާތަކަކުން ޓްރަމްޕް ބޭން ކޮށްފައިމިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ސަޕޯޓަރުން އެމެރިކާގެ ކެޕިޓަލް ހިލްގައި ކުރިއަށް ގެންދިޔަ ހަމަނުޖެހުންތަކުގައި 5 މީހުން މަރުވުމާއި ގުޅިގެންނެވެ.
އެގޮތުން، އެ ހާދިސާއާ ގުޅިގެން ޓްރަމްޕް ބޭން ކޮށްފައިވާ މަޝްހޫރު ޕްލެޓްފޯރމް ތަކުގެ ތެރޭގައި ފޭސްބުކް، ޓްވިޓަރ، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޕިންޓްރެސްޓްވެސް ހިމެނެއެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި މިހާރު ޓްރަމްޕް ދޮގު ޚަބަރު ފެތުރުމަށް ބޭނުންކުރަނީ އޭނާގެ ވެރިފައިޑް ޔޫޓިއުބް ޗެނަލްއެވެ. އެ ޗެނަލް އިން އަންގާރަ ދުވަހު އެކަނިވެސް 8 ވީޑިއޯ އާންމުކޮށްފައިވެއެވެ.
މީގެ ތެރެއިން އެއް ވީޑިއޯ އާ ގުޅިގެން ޔޫޓިއުބް އިން ވަނީ ޓްރަމްޕްގެ އެކައުންޓްއިން ވީޑިއޯ އަޕްލޯޑް ކުރުން އެއް ހަފްތާއަށް ހުއްޓުވާފައެވެ. އެހެންނަމަވެސް، ޓްރަމްޕްގެ އެކައުންޓް ބޭން ކުރުމާއި ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.