މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރަކަށް ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސް ވެއްޖެއެވެ.
މިއީ ދުނިޔޭގެ ފުރަތަމަ ބޯޑަރ މައިލްސް ޕްރޮގްރާމް ކަމަށްވާއިރު މޯލްޑިވްސް އިމިގްރޭޝަނުން މި ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމަށް އާއްމުކޮށް ހުޅުވާލީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ހިދުމަތްދޭ އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ހުރިހާ ވިޔަފާރިތަކަށްވެސް ޕާޓްނަރަކަށް ވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި، ކޮރޯނާ ވައިރަސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތު ހީނަރުވެފައިވާތީ، ޕާޓްނަރަކަށް ވުމަށް ރަޖިސްޓްރީކުރުމަށް އެއްވެސް ފީއެއްވެސް ދައްކާކަށް ނުޖެހެއެވެ.
"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމްއަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައަކަށް ޕޮއިންޓް ލިބޭނެއެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ)އެވެ.
މި ޕްރޮގްރާމްގެ ދަށުން ޕާޓްނަރަކަށް ވުމުން، އެ ތަނުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު ޓޫރިސްޓުންނަށް 5 ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުންވެސް ޕޮއިންޓް ލިބޭ ގޮތްތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު ޕޮއިންޓްސް ލިބުން، ތަފާތު އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓްސް އަދި ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް ޕޮއިންޓްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ފަށާފައިވަނީ މިއަހަރު ފުރަތަމަ ދުވަހުއެވެ.