މަނީ ލޯންޑަރކުރެއްވުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާކީ އެމަނިކުފާނާއި ލޭގެ ގޮތުން ގުޅިފައިވާ ފަރާތްތަކަށްވެސް އިތުބާރުކުރައްވާނެ ބޭފުޅެއް ނޫނެވެ. ހުދު އެއްބަފާ ބޭބޭފުޅާއިމެދު ކަންތައް ކުރެއްވިގޮތާއި، އެ އާއިލާއަށް ރައީސް ޔާމީން ޖެއްސެވި ތަކުލީފަކީ ރައްޔިތުން އިހަކަށް ދުވަހު ދެކުނު މަންޒަރުތަކެވެ.

ބޭބޭފުޅު ވުޖޫދުކުރި ސިޔާސީ ޕާޓީގަނޑަށްދާންދެން ހުރިހާ އެއްޗެއް މުށުތެރެ ލެއްވި އެވެ. ބޭބޭފުޅުގެ ދަރިން، ބައްޕަޔާއި ދެކޮޅަށް ނިކުތުމަށް މަޖުބޫރުކުރުވި އެވެ. 

އެ ދުވަހު އެ މަންޒަރު ބަލަންތިބި ރައްޔިތުން ބުނި އެއް ވާހަކައަކީ، ލޭގެ ގުޅުމަށް އިތުބާރު ނުކުރި މީހަކު އެހެން ގުޅުމަކަށް އިތުބާރު ނުކުރާނެކަމަށެވެ. އާރާއި ބާރުގެ ދަހިވެތިކަމުގައި ކޮންމެފަދަ ބޭފުޅެއްވެސް ކައިރި ކުރައްވާ، ހޫރާ ލެއްވުމަކީ ރައީސް ޔާމީންގެ ތޮބިއްޔަތުގައި ހުރިކަމެއް ކަމަށެވެ. 

އެ ތާރީހަށް 2 އަހަރާއި ދުވަސްކޮޅެއްވިއިރު، އަނެއްކާވެސް އޮތީ އިތުބާރެއްގެ ވާހަކަ އެވެ. މިފަހަރު ރައީސް ޔާމީންގެ އިތުބާރު ގެއްލުނީ، އެމަނިކުފާނު މިނިވަންކުރުމަށް ދެއިރު ދެދަޅައަށް ގޮވާލާ، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. ރަައީސް ޔާމީނަށްޓަކައި، ލައިވް ބްރޯޑްކާސްޓްގެ ތެރެއިން ރޯ އަވަގުރާނަވެސް ގޮއްވެވި ބޭފުޅުންނަށެވެ. އެމަނިކުފާނަށްޓަކައި، މުޅި މާލު ގުރުބާން ކުރައްވަންވެސް ތައްޔާރަށް ތިއްބެވި ބޭފުޅުންނެވެ. 

ބަދަލުގައި މިފަހަރު އިތުބާރު ލިބިލެއްވީ އިސް ޤާނޫނީ ވަކީީލަށެވެ. މި ވަކީލަކީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވިޔަ ނުދެއްވަންވެގެން އެންމެ ބޮޑު ކެމްޕޭނެއް ކުރެއްވި ބޭޭފުޅުންގެ ލިސްޓުންވެސް ޖާގަ ހޯއްދަވާނެ ބޭފުޅެކެވެ. 

އިތުބާރެއްގެ މައްސަލާގައި ޕާޓީ ރޫޅި ކުދިކުދިވާއިރު، ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅުން ފިލާވަޅު ލިބިވަޑައިގެންނަވަން ތިބި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް އަދިވެސް ދަސްނުވެ އޮތް ކަމަކީ އެމަނިކުފާނަކީ އާއިލީ ގުޅުމަކަށް، އެކުވެރިކަމަކަށް، އިތުބާރަކަށް ބައްލަވާ ބޭފުޅެއް ނޫންކަމެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ގޮސް ނިމެނީ ހަމަ އެމަނިކުފާނާއި ހަމައިގައިކަމެވެ. އެއީ އެމަނިކުފާނުގެ ތޮބިއްޔަތުކަމެވެ. 

މިކަމުގައި މިސާލަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނަންފުޅު ފުދި އިތުރުވެސްވެއެވެ. 2013 ވަނަ އަހަރު ވެރިކަމަށް ކުރެއްވި ދަތުރުގައި ޖަމީލް ފަދަ، އިތުރު ބޭފުޅެއް ނެތެވެ. އެ ވަގުތު ޖަމީލަކީ މުޅި ދުނިޔޭވެސް ނެގޭނެ ނައިބް ރައީސުންގެ ލިސްޓުގެ އެއްވަނައިން ޖާގަ ލިބިލެއްވި ބޭފުޅެކެވެ. ވެރިކަން ލިބިވަޑައިގެން ޖަމީލްްގެ ބޭނުން ކެނޑުމާއެކު، ޖަމީލަށް ހެއްދެވި ގޮތް ޖަމީލުގެ ހަނދާނުން ކައްސާލި ނަމަވެސް، ރައްޔިތުން އެ މަންޒަރުވެސް ދެކުނު އެވެ. ޖަވާބުދާރީވުމުގެ ފުރުސަތުވެސް ލިބިވަޑައިނުގެން ޖަމީލަށް ޖެހިވަޑައިގެންނެވީ އުފަން ފަސްގަނޑު ދޫކޮށް ވަޑައިގަންނަވަށެވެ. ވެރިކަމުގައި ހުންނެވިއިރު، ނުކުރައްވާކަ ދުއްޕާނެ ނެތެވެ. 

ނަމަވެސް ވެރިކަން ގެއްލިވަޑައިގެން ހާލުގައި ޖެހިވަޑައިގެންނެވި ވަގުތު އަނެއްކާވެސް އިތުބާރުގެ ލިސްޓުގެ އެއްވަނައިން ޖާގަ ލިބިވަޑައިގެންނެވީ ޖަމީލަށެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުއްްޤައްޔޫމާއި، އެމަނިކުފާނުގެ އާއިލާ އާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު އެތަކެއް ސަތޭކަ ނަމެއްވެސް މި ލިސްޓަށް ލެވިދާނެ އެވެ. މުޅިން މަންޒަރުން ފެންނަން އޮތީ އެކައްޗެކެވެ.

ފަށުވި ޅެންބައިތުތައް ކަރުދާހަށް ތިރިކޮށް ހެއްދެވިނަމަވެސް، ހަޤީޤަތް އޮތީ ބަދަލުކުރެވޭނެ ގޮތަކަށް ނޫނެވެ. ދަންނަންވީ ކަމަކީ ޅެންވެރިކަމަށް މޮޅެތި ބޭފުޅުން ބޭނުންވެވަޑައިގަންނަވާ ދަނޑިވަޅުގައި އިތުބާރުވެސް ލިބިވަޑައިގަންނަވާނެ ކަމެވެ. އެހެނެއްކަމަކު، ގުރޫޕްް ހައްދަވާފައި ލީޑަރޝިޕްގެ ވަކި ފެކްޝަނަކު ސަރުކާރާއި ދެކޮޅަށް ކިތަންމެ ޓުވީޓެއްކުރެއްވި ނަމަވެސް އެކަމަކީ އަބްދުﷲ ޔާމީންގެ އިތުބާރު ލިބިލައްވާނެކަމެއް ނޫންކަން، ހަޔާތް އެއްކޮށް އެކުގައި ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިއަދު އެނގިވަޑައިގަންނަވަން އެބަޖެހެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.