މާލެއަށް ކުޑަކުޑަ ވާރޭކޮޅެއް ވެހިލާ އިރަށް ވެސް އެންމެ ފުރަތަމަ ފެން ބޮޑުވާ މަގަކީ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން މޫކައި ހޮޓެލް ހުންނަ ކަނބާއައިސާރަނި ހިނގުމުގައެވެ. ކަކޫތާ ފެނަށް ފެން ބޮޑުވާ ދުވަސްތައް މަދެއް ނޫނެވެ. ވެހިކަލްތައް ނުދުއްވި އަރިމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ފުރޮޅާލައި އިންޖީނަށް ފެން ވަދެ ފެން ހިނދޭ ތަނުން އާއްމު ގޮތެއްގައި ސައިކަލްތައް ގެންދަން ޖެހެނީ ސާރވިސް ސެންޓަރަކަަށެވެ. 

އެހެން މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭ ވެހުނުއިރު މުޅިން މަންޒަރު ތަފާތެވެ. އަބަދުވެސް އެ މަގެއްގެ ޝަކުވާ ސޯޝަލް މީޑިއާގައި ރައްޔިތުން ކުރަމުން ދިޔަ މަގު އޮތީ ފެން ބޮޑު ނުވެ ވެހިކަލް ދުއްވާލެވި އަދި ހިނގާ ވެސް ލެވޭނެ ފަދަ ހާލަތެއްގައެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެ ކުންފުނިން ތަރައްގީ ކުރި ފުރަތަމަ މަގެވެ. 

"ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެންމެ ފުރަތަމަ މަގުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު ރައްޔިތުންގެ ފަރާތުން ލަސްވާކަމުގެ ޝަކުވާ ލިބުނު ކަމަށެވެ. އެގޮތަށް އެކަން ދިމާވީ ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު ބޭރުން ގެންނަންޖެހޭ މެޓީރިއަލް ގެނައުން ލަސްވުމުގެ ސަބަބުންވެ. ކިތަންމެ ލަސްވި ނަމަވެސް އާރުޑީސީއިން ބަލާފައިވަނީ މަސައްކަތުގެ ކޮލިޓީ ކޮމްޕްރޮމައިސް ނުކޮށް ރަނގަޅު ފެންވަރުގެ މަގެއް ތަރައްގީ ކުރުމަށް ކަމަށް މޫކޭ ވިދާޅުވިއެވެ. 

މި މަގު ތަރައްގީ ކުރުން ވީ އާރުޑީސީއަށް ބޮޑު ޗެލެންޖަކަށެވެ. އައު ކުންފުންޏަކަށް ވެސް ތިބެ މިފަދަ ބޮޑު ޗެލެންޖެއް އެ ކުންފުނިން ނެގީ ރައްޔިތުންގެ އިތުބާރު ހޯދުމަށެވެ. މާލޭގެ އެންމެ ބިން ތިރި އަދި ކުރިން އެންމެ ފެން ބޮޑުވި މަގު މިއަދު އޮތް ގޮތް ފެނުމުން އެ ޗެލެންޖުން އެ ކުންފުންޏަށް އެންމެ މަތީ ފާސް ދެވޭނެ ކަމާމެދު ދެބަސް ވެވެން ނެތެވެ. މޫކޭ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޮޑު އުނދަގޫތަކެއް އެ މަގުގެ ސަބަބުން މީގެކުރިން ކުރިމަތިވިއިރު އެފަދަ ބޮޑު ޗެލެންޖެއް އާރުޑީސީ ފަދަ އައު ކުންފުންޏަކުން ނުވެސް ނަގާނެއެވެ. 

މި މަގު މިއަހަރުގެ ފުރަތަމަ ދުވަހު ހުޅުވިއިރު މާލޭގައި މި ފެންވަރަށް ތަރައްގީ ކޮށްފައިވާ އެހެން އެއްވެސް މަގެއް ނެތްކަން ފާހަގަކޮށްލަން ޖެހެއެވެ. ލޯފަން މީހުންނަށް ހިނގޭ ގޮތަށް ޚާއްސަ ބްރެއިލް ބްލޮކްސް އަޅާފައިވާއިރު އަލުން މަގު ލެވެލްކޮށް ފެން ހިންދުމަށް ވެސް ކުރިޔަށް ވުރެ ބޮޑެތި ހޮޅި އަޅާފައިވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. ހަމައެހެންމެ މަގު ކޮނެގެން އެހެން ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ކުރުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި މަގުގެ ދެ ފަރާތުގައި ގަސް އިންދުމުގައި ވެސް އެކުންފުނިން ބޭނުންކުރަމުންދަނީ ތަފާތު ކޮންސެޕްޓެއް ކަމަށް މޫކޭ ވިދާޅުވިއެވެ. 

މިއަދު އާރުޑީސީއަށް ލިބިގެންދިޔަ އެންމެ ބޮޑު ޔަގީންކަމަކީ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް ނިމިގެންދާއިރު ޖުމްލަ ގޮތެއްްގައި މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދިޔުމެވެ. މިއީ އެ ކުންފުނީގެ ހީވާގި މުވައްޒިފުންނާއި ހުނަރުވެރި އިންޖީނިއަރުންގެ އިތުރުން މެނޭޖްމަންޓްގެ ނުހަނު ބޮޑު ބައިވެރިވުމާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ. މާލޭގައި އުޅޭ ރައްޔިތުންގެ އުއްމީދަކީ ވެސް މި ޕްރޮޖެކްޓް ނިމިގެންދާއިރު މާލޭގެ މަގުތަކަކީ ހިނގާލަން ފަސޭހަ އަދި ދުއްވާލަން އަރާމު މަގުތަކަކަށް ވެގެން ދިޔުމެވެ. 

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މަޝްރޫޢުގެ ދަށުން 5 ވައްތަރެއްގެ މަގުތައް ތަރައްޤީކުރާއިރު ޖުމްލަ 18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުން ހެދޭނެއެވެ. މިހާރު ފެށިގެން މިދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓެވެ. މި ސެގްމެންޓްގެ ދަށުން 1.94 ކިލޯމީޓަރގެ މަގުހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އާރުޑީސީއާ ހަވާލުކޮށްގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.