ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އައު ގަވާއިދެއް އެކުލަވާލައި އެ ގަވާއިދަށް ޢަމަލުކުރަން ފަށައިފި އެވެ.

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

ހަމައެއާއެކު، 20 ނޮވެންބަރު 2020 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ، އެކަމާބެހޭ އުޞޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 (އަށާރަ) އަހަރުން މަތީގެ ފަރާތެއް މި ގަވާއިދުގެ ދަށުން ޝަރުޠު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭނެއެވެ. އަދި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުޠު ފުރިހަމަވާންޖެހޭނެއެވެ. ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 (އަށާރަ) އަހަރުން މަތީގެ ފަރާތްތައް އެކަމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށެވެ. މި ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށް ޤާނޫނީ ވަކީލެއް ހަމަޖެއްސެން ނެތްނަމަ، މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިން އެކަމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށެވެ. މި ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިއަދު ޢަމަލުކުރަން މި ފެށުނު ގަވާއިދުގައި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުޞޫލުތަކާއި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އިޖުރާޢަތުތަކާއި، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލުގެ ޒިންމާތަކާއި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަރުދަނާ ގޮތެއްގައި ޤާއިމްކުރުމާބެހޭ އުޞޫލުތައް ހިމެނޭނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2017/R-78 (ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) މިހާރުވަނީ އުވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.