ބ. ބޮޑުފިނޮޅުގައި މުސާރަ ނުދީ ބިދޭސީން މަސައްކަތްކުރުވާފައިވާތީ މިއީ ހިއުމަން ޓްރެފިކިންގ ގެ އަމަލެއް ކަމަށްވާތީ މި މައްސަލަ ފުލުހުން ތަހުގީގުކުރުމަށްފަހު ރިޒް ކުންފުނީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ޕީޖީއަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ބޮޑުފިނޮޅުގައި މުސާރަ ނުދީ މަސައްކަތް ކުރުވި ބިދޭސީންގެ މުސާރަދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީއިންވެސް ވަނީ އަމުރުކޮށްފައެވެ. އެ އެންގުން ބާތިލް ކުރުމަށް ރިޒް ކުންފުނިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ރިޒް ކުންފުންޏަކީ މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ. ބ. ބޮޑުފިނޮޅު ތަރައްގީ ކުރަމުންގެންދިޔައީ ސީލް ކުންފުނީގެ ރިޒޯޓެއްގެ ގޮތުގައެވެ. ރިޒް ކުންފުނިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މުސާރަ ނުދެވުނީ ސީލް ކުންފުނިން ދޭންޖެހޭ ފައިސާ ނުދިނުމުންނެވެ.
ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަންޖެހުމުން، ބިދޭސީންގެ ތެރޭގައި ނުތަނަވަސްކަން އުފެދި އެކި ފަހަރު މަތިން ވަނީ މުޒާހަރާކޮށްފައެވެ. މީގެތެރެއިން، އެންމެ ފަހުން ކުރި މުޒާހަރާގައި ފުލުންނާއިވެސް ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންގެންދާ ބ. ބޮޑުފިނޮޅުގެ އެކި ސަރަހައްދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.