މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ރާއްޖޭގެ ވެރިކަން ލިބިގެން އައްޑޫ ސިޓީއަށް ވީ ފައިދާއެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. 

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި، ޑރ. ޖަމީލްވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އަދި، ވަކިން ހާއްސަކޮށް އައްޑޫ ސިޓީއަށް ތަރައްގީ ގެންނާނެކަމަށް އެމްޑީޕީއިން ތަކުރާރުކޮށް ބުނަމުންދާތީ އެކަމަށް ފާޑުކިޔާފައިވެއެވެ. 

އެގޮތުން، ކޮންމެ އިންތިހާބެއްގައިވެސް އެމްޑީޕީއިން ޖަހަނީ އެއްލަވައެއް ކަމަށާއި ތަރައްގީ ގެންނާނެކަމަށްބުނެ އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަކަށް ޑރ. ޖަމީލް ވަނީ ޓްވީޓްކުރައްވާފައެވެ. އެމްޑީޕީގެ ވެރިކަމަށް 2 އަހަރު ވެފައިވާއިރު، މަޖިލީހާއި ވެރިކަންވެސް ކޮންޓްރޯލް ކުރަނީ އެމްޑީޕީއިން ކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ގައުމު ފަގީރުވެފައިވާ ކަމަށާއި އެންމެ ލާރިއެއްވެސް އައްޑޫއަށް ލިބިފައިނުވާކަމަށް ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ. ވަޒީފާ އެއް އަދި ޕާޓީގެ މަގާމެއްވެސް އައްޑޫގެ ރައްޔިތުންނަށް ނުދިން ކަމަށާއި، ހުރިހާ މަގާމެއްގައިވެސް ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އާއިލާކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އިތުރަށް ޑރ. ޖަމީލު ވިދާޅުވީ، މަޖިލީހުގެވެސް މަގާމެއް އައްޑޫ ރައްޔިތަކަށް ނުވަތަ އާންމު މީހަކަށް ދޫނުކުރި ކަމަށާއި، އައްޑޫގައި ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީކަމަށެވެ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާވެފައިވާ ފްލައިންގ ސްކޫލްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. 

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން އައްޑޫގައި އިމާރާތްކޮށްފައިވާ ޕޮލިސް އެކެޑަމީއާ ގުޅިގެން ރައީސް ނަޝީދުވަނީ ކުރީ ސަރުކާރަށް ފާޑުކިޔާފައެވެ. އައްޑޫގައި ޕޮލިސް އެކަޑަމީ އިމާރަތްކޮށްފައިވާ ސަރަހައްދަކީ އެ އަތޮޅުގައި ފަތުރުވެރިކަމަށް އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތް ސަރަހައްދުކަމުން އެ އަތޮޅުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެކަމުގައިވެއެވެ. އެ ސަރަހައްދުގައި ޕޮލިސް އެކަޑަމީ އިމާރަތްކުރުމަށް ނިންމާފައިވަނީ އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އައްޑޫ އަކީ ގްރޭޓަރ މާލޭ ސަރަހައްދު ފިޔަވައި 2021 ވަނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.