ޓެކްސްއާ ގުޅޭ ޒިންމާ އަދާކުރުން ފަސޭހަ ކުރުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން "ކޮމްޕްލައެންސް ރިސްކް މެނޭޖްމެންޓް ޕޮލިސީ" ނަމުގައި ހާއްސަ ޕޮލިސީއެއް އާންމުކޮށްފިއެވެ.
މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ޓެކްސް ޕޭޔަރުންގެ އަމިއްލަ އިހްތިޔާރުގައި ޓެކްސްއާ ގުޅޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އާންމުކޮށްފައިވާ ޕޮލިސީއެކެވެ. އެގޮތުން، ޓެކްސް ޕޭޔަރުންނަށް އެހީތެރިވުމުގެ ގޮތުން "ރިސްކް ބޭސްޑް އެޕްރޯޗެއް" ގެންގުޅުމަށް ނިންމާފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މިގޮތުން، މީރާއިން ވަނީ "ކޮމްޕްލައެންސް ރިސްކް މެނޭޖްމެންޓް ފްރޭމްވޯރކް" އެއް އެކުލަވާލާފައެވެ. މި ފްރޭމްވޯރކްގެ ދަށުން ގާނޫނަށް ޓްކްސް ޕޭޔަރުން އަމަލުކުރާ މިންވަރު ދެނެގަނެ، ވަކި ގިންތިތަކަކަށް ބަހާލައިގެން އަމަލުނުކުރާ މީހުންނާއި މެދު ފިޔަވަޅު އެޅޭނެއެވެ. އެގޮތުން، ގާނޫނުގެ ބާރު ބޭނުންކުރުމަށް ނިންމާފައިވަނީ ހަމައެކަނި ޓެކްސްއާ ގުޅޭ ކަންކަމުގައި އެއްވެސް ވަރަކަށް އަހަންމިއްޔަތުކަން ނުދޭ މީހުންނަށެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި، އެ އޮތޯރިޓީގެ އަމާޒަކީ "ކޮމްޕްލައެންސް ރިސްކް މެނޭޖްމެންޓް ފްރޭމްވޯރކް"ގެ ދަށުން ޓެކްސް ޕޭޔަރުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މަސައްކަތްކުރުމަށް ފަސޭހަކޮށްދީ އެހީތެރިވުމެވެ. މިކަން ހާސިލްކުރުމަށްޓަކައި "ކޮމްޕަލައެންސް އިމްޕްރޫވްމެންޓް ޕްލޭން"އެއްވެސް މި އަހަރަށް މީރާއިން ވަނީ އާންމުކޮށްފައެވެ.
މި ޕްލޭންގެ ދަށުން 2021 ވަނަ އަހަރު 5 ކަމެއް ކުރުމަށް މީރާއިން ވަނީ ނިންމާފައެވެ. އެގޮތުން، ޓެކްސް އާ ގުޅޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމުގައި މީހުންނަށް އެހީތެރިވުމުގެ ގޮތުން ޓެކްސް އެވެއަރނެސް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ބައެއް ސިނާއަތްތަކަށް ހާއްސަކޮށްގެން ރަޖިސްޓްރޭޝަން ޕްރޮގްރާމްތަކެއް ހިންގުމަށާއި، ކޮވިޑް-19ގެ ސަބަބުން ޓެކްސް ކޮމްޕްލައެންސްއަށް އައިސްފައިވާ ބަދަލުތަކަށް ހައްލެއް ހޯދުމަށްވެސް މަސައްކަތްކުރުމަށްވަނީ ނިންމާފައެވެ. އަދި، ކޮމްޕަލެންސް އިތުރުކުރުމަށް އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާއިން އަންނަނީ އަބަދުވެސް ޓެކްސް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.