ގދ. މަޑަވެލި ސިއްހީ މަރުކަޒުގައި މުޅިން އަލަށް ލެބޯޓްރީއެއް ގާއިމްކޮށް، އެ ހިދުމަތް ދިނުމަށް މިއަދު ފަށައިފިއެވެ.

ލެބޯޓްރީގެ ހިދުމަތް ގދ. މަޑަވެލީގައި ފެށުމަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު މި ސަރުކާރުން ވި ވައުދެކެވެ. އެ ވައުދު ފުއްދައި، މި ހިދުމަތް ފެށުމަށްޓަކައި މިއަދު އެ ރަށު ސިއްހީ މަރުކަޒުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޙުސައިން ފިރުޝާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ރަސްމިއްޔާތަށްފަހު ޖަޒީރާއަށް މައުލޫމާތުދެއްވަމުން ހުސެއިން ފިރުޝާން ވިދާޅުވީ، މަޑަވެލީގެ އިތުރުން ނަޑެއްލާގައިވެސް ލެބޯޓްރީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. މިއަދު މަޑަވެލީގައި މި ހިދުމަތް ދިނުމަށް ފެށިގެންދާއިރު، މިއީ މި ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފިރުޝާންވަނީ ސިފަކޮށްފައެވެ. މީގެއިތުރުންވެސް، މަޑަވަލީގައި ލެބޯޓްރީ މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ހުޅުވިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި މަސައްކަތަށް ބެހެއްޓެވި އަހަންމިއްޔަތުގެ ނަތީޖާކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ. 

ގދ. މަޑަވެލީގައި ލެބޯޓްރީ މިހާރު ހުޅުވާފައިވަނީ އެ ރަށު ހެލްތު ސެންޓަރުގެ އެތެރޭގައި ހުރި ޖާގައެއްގައެވެ. އެހެންނަމަވެސް، އައު އިމާރާތް ނިމުމާއެކު ކޮންސަލްޓޭޝަނާއި ލެބޯޓްރީގެ ހިދުމަތްވެސް އެތަނަށް ބަދަލުކުރެވޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. އައު އިމާރާތުގެ 60 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މަޑަވެލީގައި ލެބޯޓްރީއެއް ހުޅުވިގެން ގޮސްފައިވާއިރު، މިއީ އެ ރަށުގެ ތާރީހުގައިވެސް ރަށުގައި ތިބެގެން ޓެސްޓުތައް ހަދާލުމުގެ ފުރުސަތު ލިބިގެންދާ ފުރަތަމަ ފަހަރެވެ. ލެބޯޓްރީގެ ހިދުމަތް މިއަދުން ފެށިގެން އެ ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެއެވެ. ސިއްހީ ދާއިރާ ކުރިއަރުވައި، މާލެއަށް ބަރޯސާވުން ކުޑަކުރުމަކީ ރައީސް ޞާލިހުގެ ވައުދުފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.