އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ލައިވް ޓީވީގައި ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

އެމެރިކާގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން އަންނަނީ ވެކްސިން ޖަހަމުންނެވެ. އެގޮތުން އެގައުމުގައި ނައިބް ރައީސް މައިކް ޕެންސް އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ނެންސީ ޕެލޯސީ ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.

ބައިޑެން ޖެއްސެވި ވެކްސިންއަކީ ފައިޒަރ ކުންފުނިން އުފެއްދި ވެކްސިންއެވެ. އެ ކުންފުނީގެ އިތުރުން މޮޑާނާ ކުންފުނިން އުފެއްދި ވެކްސިންއަށް ވެސް އެމެރިކާގެ އިދާރާތަކުން ހުއްދަ ދީފައިވާއިރު މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ މީހުންނަށް އެގައުމުގައި ވެކްސިން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު ބައިޑެން ވިދާޅުވީ އެމެރިކާގެ 50 މިލިއަން މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ވެކްސިން ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެހެންނަމަވެސް، މިއީ ބުރަ މަސައްކަތެއްކަން އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އަދި މިވަގުތު ހުރިހާ ބޭފުޅުންވެސް މާސްކް އަޅުއްވައިގެން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބައިޑެން އެދިލެއްވިއެވެ. 

ބައިޑެންގެ ޓީމުން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ޑޯޒްގެ ވެކްސިން ދިނުމަށް އަމާޒު ހިފާފައެވެ. އެމެރިކާއަކީ މި ބަައްޔަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެ އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގޮތުން މިހާތަނަށް 22.6 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވްވެ، 376 ލައްކަ މީހުން ވަނީ މި ބަލީގައި އެމެރިކާއިން މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.