ކޮވިޑް-19 އަށް މިއަދު 50 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިއާއެކު ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 14،159 އަކަށް އަރާފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 19 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 28 މީހެކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 3 މީހެކެވެ. މީގެ ތެރއިން ރިސޯޓް ތަކުން ޕޮޒިޓިވްވި 28 މީހުންގެ ތެރެއިން 20 މީހުން ޕޮޒިޓިވްވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންނެވެ. އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި، މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީވެސް ސްޓާފުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،129 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 738 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 54 އަށް އަރާފައެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،365 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައެވެ.
ފާއިތުވި ތިން ދުވަހުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ.