ފުވައްމުލަކުގައި ހަދާފައިވާ 8 ނެރުގެ ތެރެއިން ބަންދުނުކޮށްހުރި ނެރުތައް ބަންދުކޮށްދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ނެރުތައް ބަންދުކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިމިވަނީ ދާދިފަހުން މީގެ ތެރެއިން އެއް ނެރު ކަމަށްވާ މާނޭރެ ސަރަހައްދުން އުމުރުން އެންމެ 17 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ކަމަށް ބެލެވެއެވެ. change.org ގައި ކުރިއަށްދާ މި ޕެޓިޝަނުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާއިރު، ޕެޓިޝަނުގައި އެދިފައިވަނީ ނެރުތައް ބަންދުކޮށް، އެ ސަރަހައްދަށް މޫދަށް އެރުމުގެ ނުރައްކާ ރައްޔިތުންނަށް އެނގޭނެހެން ބޯޑުތައް ހަރުކޮށްދިނުމަށެވެ.

މިކަމާއި ގުޅިގެން ޖަޒީރާއަށް މައުލޫމާތުދެއްވަމުން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ، ޕެޓިޝަނަކީ ރައްޔިތުންގެ ހިޔާލުތައް ސަރުކާރާއި ހަމައަށް ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭ އުކުޅުކަށްވާއިރު، މި ޕެޓިޝަންގެ ސަބަބުންވެސް ރައްޔިތުންގެ ހިޔާލުތައް ސަރުކާރާއި ހަމައަށް ފޯރާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެހެންނަމަވެސް، މާނޭރެ ނެރު ބަންދުކުރުމާއި ޟިރާރު ދެކޮޅެވެ. އޭނާ ވިދާޅުވީ، ހަގީގީ މައްސަލައަކީ ނެރު ނޫން ކަމަށާއި، މޫދަށް އެރެވޭނެ ސަރަހައްދެއް ނެތުންކަމަށެވެ. މާނޭރެ އަތިރި ސަރަހައްދުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު، މިއީ މޫދަށް އެރޭނެ ސަރަހައްދެއް ނެތުމުގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެންކަމުން، އަސްލު މައްސަލައަށް ހައްލެއް ހޯދަންޖެހޭކަމަށް ޟިރާރު ތަކުރާރުކޮށް ވިދާޅުވިއެވެ.

2002 ވަނަ އަހަރު ބަނދަރު ބޭނުންކުރަން ފެށުމުގެ ކުރިން ފުވައްމުލަކަށް އަރައި ފޭބުމަށްޓަކައި 8 ނެރު ހަދާފައިއޮވެއެވެ. ދެ މޫސުމުގައި ދެ ފަރާތް ބޭނުންކުރަމުން އަންނައިރު، 2009 ވަނަ އަހަރު ތެރޭގައި މީގެ ތެރެއިން 4 ނެރެއް ސަރުކާރުން ބަންދުކުރިއެވެ. އަދި ބާކީ ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭގޮތުންވެސް މިދިޔަ އަހަރުގެ ތެރޭގައި ޕްލޭނިންގ މިނިސްޓްރީއާ ކައުންސިލާއި ވާހަކަދެކެވުނުކަމަށް ޟިރާރު ވިދާޅުވިއެވެ. 

މިހާރު ފުވައްމުލަކުގައި ހަދާފައިވާ ބަނދަރަކީ ގިނަ ދިރާސާތަކެއް ކުރުމަށްފަހު ހަނދާފައިވާ ބަނދަރެއްނަމަވެސް، އެތަނަށްވެސް ވަނުމުގައި ބައެއްފަހަރު ދަތިތަކާއި ދިމާވެއެވެ. އެހެންކަމުން، ބައެއް ފަހަރު އެހެން ނެރުތައް ބޭނުންކުރަން މަޖުބޫރުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.