ޕޯސްޓުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަންފި އެވެ.
ހޯމަ ދުވަހު ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން، އާދީއްތަ ދުވަހު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ޕާރުސަލްގެ ތެރެއިން ފެނުމާއި ގުޅިގެން، ކަސްޓަމްސް އިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން އަށް ވަނީ ޕޮޒިޓިވްވެފައެވެ.
މިތަކެތީގެ ބަރުދަނުގައި 14 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މިތަކެތީގެ މަގުމަތީ އަދު 42،000 ރުފިޔާއަށް އަރައެވެ.
މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.