ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއްގައި މެންދުރު އޮންލައިން ކިޔާ ނޫހަކުން ޝާއިއުކުރި ރިޕޯޓެއް، އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދެމުންދިޔަ މައްސަލައިގައި މައާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން އެ ޗެނަލްއަށް އަންގައިފިއެވެ. 

ބްރޯޑްކޮމް އިން މި މައްސަލަ ބަލާފައިވަނީ، މެންދުރު އޮންލައިންގެ ރިޕޯޓް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދީފައިވަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. 

މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްގެ ނިންމުމުގައި ބުނެފައިވަނީ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުދީފައިވާކަމަށެވެ. އެހެންނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، ބްރޯޑްކޮމް އިން ފާހަގަކޮށްފައިވާ ގޮތުގައި، ޗެނަލް 13 އިން 28 ޖޫން 2020 ވަނަ ދުވަހުގެރޭ 23:44 ގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކީ ޖިނާއީ ތުހުމަތަކަށްވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކުރުމަކީ ކޮމިޝަނުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭކަމެއް ނޫނެވެ. އެހެންނަމަވެސް، އެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއްކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިއީ ކޯޑް އޮފް ޕްރެކްޓިސްއާ ޗެނަލް 13 އިން ހިލާފުވާ ފުރަތަމަ ފަހަރު ކަމުން، ބްރޯޑްކޮމް އިން ނިންމާފައިވަނީ އެ ޗެނަލްއަށް ނަސޭހަތްތެރިވުމަށެވެ. އަދި، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން، 17 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، ރޭގަނޑު 8:00 އާ 8:30 އާ ދޭތެރޭ މައާފަށްއެދި ބަޔާނެއްވެސް ބްރޯޑްކާސްޓްކުރަންޖެހޭނެކަމަށް ބްރޯޑްކޮމް އިން ވަނީ ނިންމާފައެވެ.

މައްސަލަ ނިންމާފައިވަނީ، މައްސަލަ ބެލި ކޮމިޝަންގެ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.