ޑިމޮކްރަސީ ދެމެހެއްޓުމަށް ދައުލަތްތަކުގެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން ޖެހޭ ކަމަށް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެ އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ އެލައިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ. 

އެމްބެސެޑަރ ޓެޕްލިޓްޒް މިހެން ވިދާޅުވީ އެގައުމުގެ ވެރިރަށް ވޮޝިންޓަންގެ ކެޕިޓަލް ހިލްއަށް ވަދެގަނެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ރިޔާސީ އިންތިހާބުން ބަލިވި ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. މި ބަޔާނުގައި ޓެޕްލިޓްޒް ވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ހިނގި ހާދިސާތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި ސްރީ ލަންކާގެ ޑިމޮކްރަސީތައް ފަދައިން އެމެރިކާގެ ޑިމޮކްރަސީ ވެސް ދެމި އޮންނާނީ ތިން ބާރުގެ މައްޗަށް ކަމަށާއި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. 

އެމެރިކާގެ ތިން ބާރަށް ވެސް އުނދަގޫ ދުވަސްތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް ފަސްޖެހުމެއް ނެތި ތިން ބާރު ވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި މަސަައްކަތްކޮށްފައިވާކަން ޓެޕްލިޓްޒް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ހިނގައިދިޔަ ކަންތައްތަކުން އެނގި ހާމަވެގެންދަނީ ޑިމޮކްރަސީ ދެމެހެއްޓުމަށް ލީޑަރުން އަދި ރައްޔިތުން އަބަދުވެސް މަސަައްކަތް ކުރަންޖެހޭކަން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. 

އެމެރިކާގެ ރައްޔިތުންގެ ހައިސިއްޔަތުން މަސައްކަތްކުރަނީ އަބަދުވެސް "ފުރިހަމަ ޔޫނިއަން" އެއް ގާއިމްކުރަން ކަމަށާއި އޭގެތެރެއިން އުފަންވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި އަދި ސިންދަފާތުވެފައިވާ ސިޔާސީ މަޝްރަހެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެންމެނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މީގެކުރިން ހިނގާފައިވާ ކަންތައްތައް ރަނގަޅުކޮށް މުސްތަގުބަލުގައި އެންމެންގެ ބައިވެރިވުމާއިއެކު ކަންކަން ނިންމުމަށް އެޅިގެންދާނެ ބިންގަލެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނެ މީހުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވެ އެމީހުންނަށް އަބަދުވެސް ހިތްވަރު ދެއްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *