އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކ. އަތޮޅު ކައުންސިލްގެ ކެނޑިޑޭޓުންނާއި، ކ. ގުރައިދޫ ރަށު ކައުންސިލްގެ ކެނޑިޑޭޓުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރަސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކޮށްފި އެވެ. 

އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުން ކުރިއަށްގެންގޮސްފަިއވަނީ ހޯމަ ދުވަހު އެވެ. މި ބައްދަލުވުމުގައި ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ނައިބް ރައީސް އަދި ރައީސުލްޖުމްހޫރިއްޔޭގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި، ޗެއަރޕާސަން ހަސަން ލަތީފް ބައިވެރިވެވަޑައިގެންފައިވެއެވެ. 

ޖަޒީރާއަށް މައުލޫމަތުދެއްވަމުން ޝިފާޒް ވިދާޅުވީ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރ އަސްލަމާއި ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން، އެ ރަށުގައި ދޯނި އެހެލާނެ ވަކި ތަނެއް ހެދުމަށާއި، ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ތަރައްޤީކުރުމައި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރުމަށްފަހު ބަދަލުތައް ގެންނަވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެފައިވާކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ގުރައިދޫގެ ބިން ހިއްކުމުގެ ބޮޑު ޕްރޮޖެކްޓް ފަށައި، އެ ރަށުގައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވަނީ އައު ސަރުކާރާއެކުގައެވެ. އޭގެއިތުރުން ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އޮތީ ޕްލޭން ކުރުމުގެ މަރުހަލާގައެވެ.

އެކަންކަން ފާހަގަކޮށް ޝިފާޒް ވިދަޅުވީ މި ސަރުކާރު އައިފަހުން ގުރައިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ދުވަހަކުވެސް ނާންނަ ވަރުގެ އުމްރާނީ ތަރައްގީ ރަށަށް ގެނެވިފައިވާކަން ގުރައިދޫ ރައްޔިތުންވެސް ފާހަގަކުރައްވާކަމަށާއި، ގުރައިދޫ ރައްޔިތުންނާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށް ޝިފާޒް ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.