މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހަކުން 22 އޮކްޓޯބަރު 2020ގައި، ފަސްޓް ލޭޑީ މެޑަމް ފަޒްނާގެ އަބުރާ ބެހުނު ކަމަށްބުނެ މޯލްޑިވްސް މީޑިއާ ކައުންސިލަށް (އެމްއެމްސީ) ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު މި މަހުގެ ތެރޭގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލްގެ ރައީސް ޞަހުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމް.އެން.އެން ނޫހުން ދޮގު ޚަބަރު ފަތުރާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރަމުންދާ ޕާކާ ގުޅުވައިގެންނެވެ. ޕާކު ހެދުމަށް ގަސް ވިއްކަނީ ސްރީލަންކާގައި އޮންނަ މެޑަމް ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށް އެމް.އެން.އެން އިން ރިޕޯޓްކޮށްފައިވެއެވެ. އަދި، އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ސްރީލަންކާގެ ރައްޔިތެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މެޑަމް ފަޒްނާގެ ލޯޔަރުން ބުނެފައިވަނީ، ކުންފުނީގައި މެޑަމް ފަޒްނާ ހިމެނިވަޑައިގަންނަވާކަން ޔަގީން ކުރުމަކީ އެޑިޓަރުގެ މަސްއޫލިއްޔަތަކަށްވާއިރު، އެ މަސްއޫލިއްޔަތު އަދާ ނުކުރުމުން ދޭހަވަނީ އެޑިޓަރުގެ އިތުރުން ނޫހުގެވެސް ފެންވަރުކަމަށެވެ.

މި މައްސަލަ އެމްއެމްސީއަށް އެންމެ ފުރަތަމަ ހުށަހެޅުނީ އެ ކައުންސިލްގެ 5 ވަނަ ދައުރު ނިމުމާއި ގާތްވެފައިވަނިކޮށެވެ. މައްސަލަ ބަލަން އެ ދައުރުގައި ފެށުނު ނަމަވެސް، މައްސަލައިގައި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ރައީސް ޞަހުބާން ވިދާޅުވީ، އާ ކައުންސިލް އިންތިހާބުކުރެވި ކޮމިޓީތައް ހޮވުނު ފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ މި މައްސަލަ ބެލުން ކަމަށެވެ. އެގޮތުން، ނޫހުގެ ފަރާތުން ޙަމްދާން ޝަކީލު އަދި މެޑަމް ފަޒުނާގެ ޤާނޫނީ ޓީމުގެ ފަރާތުން ނާޒިމް ޢަބްދުއްސައްތާރު ބައިވެރިވި ބައްދަލުވުމެއް ބޭއްވުނުކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މެޑަމް ފަޒްނާގެ ފަރާތުން އެދިފައިވަނީ އާންމުކޮށް މައާފަށް އެދުމަށެވެ. އެހެންނަމަވެސް، މައާފަށް އެދުމަށް އެ ނޫހުން އިންކާރުކުރާކަމަށާއި، މެޑަމް ފަޒްނާގެ ބަހަކާއެކު އެ ޚަބަރު އަލުން ގެނެސްދެވިދާނެކަމަށް ނޫހުން ބުނެފައިވާކަމަށް ޞަހުބާން މައުލޫމާތުދެއެވެ. މީގެއިތުރުންވެސް، މި މައްސަލަ ފުރަތަމަ ފެންމަތިވުމާއި ގުޅިގެން އެ ޚަބަރުގައި އެޑިޓަރުގެ ނޯޓެއްވެސް ހިމެނިކަމަށް އެ ނޫހުން މައުލޫމާތުދެއެވެ.

މި މައްސަލައާއި ގުޅިގެން ދެ ފަރާތަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު މިހާރު ދީފައިވާއިރު، ދެން އޮންނަ ކޮމިޓީ ބައްދަލުވުމަކަށްފަހު މި މައްސަލައިގައި ގޮތެއް ނިންމަވާނެކަމަށް ޞަހުބާން ވިދާޅުވިއެވެ. އެގޮތުން، މި މަހުގެ ތެރޭގައި މައްސަލައިގައި ވަކިގޮތެއް ނިންމާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.