ދިރާސީ އަހަރަށް 6 މަސް އިތުރުކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ. 

ދިރާސީ އާ އަހަރު ހުޅުވުމާއި ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އިން ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން އަބަދުވެސް ބަލަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯކަމަށެވެ. އެގޮތުން، ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށް ފަހު، ދަރިވަރުންނަށް އެންމެ ފައިދާހުރި ނިންމުން އަބަދުވެސް ނިންމާކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ސްކޫލަށް އައިސްގެން ކިޔެވުމުގެ ފުރުސަތު ގިނަ ދަރިވަރުންނަށް ލިބިފައިނުވެއެވެ. އާތިޔާ ފާހަގަކުރެއްވި ގޮތުގައި، ސްކޫލަށް ގޮސްގެން ކިޔެވުމާއި އޮންލައިންކޮށް ކިޔެވުމާއި ވަރަށް ބޮޑު ތަފާތުތަކެއް ހުރެއެވެ. މަންހަޖުގައި ބުނާފަދައިން ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތެއް ކުރަންޖެހޭއިރު، މިއީ ހަމައެކަނި ފޮތަކުން ކިޔަވައިދީގެން އޮންލައިންކޮށް ކުރެވޭނެ ކަމެއް ނޫންކަމަށް އާތިޔާ ވިދާޅުވިއެވެ.

އުނގެނުމަކީ އިޖްތިމާއީ ހަރަކާތެއްކަމަށާއި، އޮންލައިންކޮށް ކިޔަވައިދިނުމުގެ ސަބަބުން ކްލާސްރޫމްގައި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ކިބައިން އުނގެނޭ އުނގެނުމާއި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެގެން އުނގެނުމުގެ ފުރުސަތު ދަރިވަރުންނަށް ނުލިބޭކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް މިވަނީ މިހުރިހާ ކަމެއް އެކުވެގެން ކަމުގައިވާއިރު، ކޮވިޑްގެ ސަބަބުން މިކަން ހާސިލްނުވެއެވެ.

މީގެ ސަބަބުން މުޅި ދުނިޔޭގައިވެސް ލަރނިންގ ލޮސްއެއް ފާހަގަކުރެވުނެވެ. އާތިޔާ ވިދާޅުވި ގޮތުގައި، މި ލަރނިންގ ލޮސްއިން އަރައިގަނެވޭނެ އެންމެ ފުރިހަމަ ގޮތް ހޯދަން މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލަރނިންގ ލޮސްއިން އަރައިގަތުމަށްޓަކައި ބައެއް ގައުމްތަކުގައި މުޅި ދިރާސީ އަހަރު ތަކުރާރުކޮށްފައިވާއިރު، މިނިސްޓްރީއަށް ގަބޫލުކުރެވުނު އެންމެ ރަނގަޅު ގޮތަކީ ދިރާސީ އަހަރަށް 6 މަސް އިތުރުކުރުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މީގެ ސަބަބުން ދިމާވި ދަތިތަކާއި ގުޅިގެން 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމް މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 އަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.