ކޮވިޑް-19 އާ ދެކޮޅަށް އެންމެ ފުރަތަމަ ވެކްސިން އުފެއްދި އެއް ކުންފުނި ކަމަށްވާ، ޖަރުމަނުގެ ބައޯއެންޓެކް ކުންފުނިން މި ހިނގާ 2021 ވަނަ އަހަރު ވެކްސިންގެ 2 ބިލިއަން ޑޯޒް އުފައްދާނެކަމަށް އިއުލާންކޮށްފިއެވެ. 

ހޯމަ ދުވަހު އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ގިނަ ގައުމްތަކަކުން ކޮވިޑް-19ގެ ވެކްސިން ހޯދުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ވެކްސިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރިން އުފެއްދުމަށް ނިންމާފައިވާ އަދަދު މިހާރު ބޮޑު ކޮށްފައިވާ ކަމަށެވެ. ކުރިން އެ ކުންފުނިން ބުނެފައިވަނީ 2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް އުފައްދާނެކަމަށެވެ. 

އެހެންނަމަވެސް، މިހާރު އެ ކުންފުނިން އުފައްދާ ޑޯޒްގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާއިރު، އާ ވެކްސިން ވައިލް އިން 6 ޑޯޒް ޑޮކްޓަރުންނަށް ބޭނުންކުރެވޭނެއެވެ. ކުރިން ކޮންމެ ވައިލްއަކުންވެސް ބޭނުންކުރެވޭނީ 5 ޑޯޒްއެވެ. 

ބައޯއެންޓެކް އިން އުފައްދާ ވެކްސިންގެ ޑޯޒް އިތުރުކުރުމަށް ނިންމާފައިމިވަނީ އެ ކުންފުނީގެ އާ ޕްރޮޑަކްޝަން ސައިޓެއް ފެބްރުއަރީ މަހުގެ ފަހު ކޮޅުގައި ހުޅުވުމަށް ނިންމާފައިވުމާއެކުއެވެ. މި ފެސިލިޓީއިން ކޮންމެ އަހަރަކު 750 މިލިއަން ޑޯޒް އުފެއްދޭނެކަމަށް ލަފާކުރެވެއެވެ. 

ބައޯއެންޓެކް އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ފައިޒާއާ ގުޅިގެން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ވެކްސިންއަށް މިހާރު ގިނަ ގައުމްތަކަކުން ހުއްދަ ދީފައިވާއިރު، މި ވެކްސިންގެ ޑިމާންޑް އާ އެއް މިންވަރަށް ސަޕްލައި ނުކުރެވިދާނެކަމުގެ ބިރު ކުރިން އޮތީ ހީވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.