ކޮވިޑް-19 ހުއްޓުވުމަށްޓަކައި ޑިވޮލަޕްކޮށްފައިވާ ވެކްސިން ދިވެހިރާއްޖެއަށް މި މަހުގެ ފަހުކޮޅު ގެނައުމަށް ނިންމާފައިވާކަން ހާމަވެއްޖެއެވެ.
ވެކްސިން ގެނައުމަކީ މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންއަންނަ އެއް މަސައްކަތެވެ. މިގޮތުން، ވެކްސިން މި މަހުގެ ފަހުކޮޅު ދިވެހިރާއްޖެއަށް ގެނައުމަށް ނިންމާފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވާއިރު، އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޑރ.ނަޒްލާ ވިދާޅުވީ، ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އެހީތެރިކަމާއެކު ވެކްސިން ރައްކާކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވެކްސިން ރައްކާކުރުމަށް ބޭނުންވާ ރެފްރިޖަރޭޓަރ ގެނެސް ބެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނެކަން ޑރ. ނަޒްލާ އިއުލާންކުރެއްވިއެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އާބާދީގެ 20 އިންސައްތައަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ކޮވެކްސް ފެސިލިޓީގައި ދިވެހި ސަރުކާރުން ވަނީ އެދިފައެވެ. މި ހުށަހެޅުން ރަސްމީކޮށް ޑަބްލިއުއެޗްއޯއިން ބަލައިގަނެފައިވާއިރު، އާބާދީގެ ދެ ލައްކަ މީހުންނަށް ބޭނުންވާ ހަތަރު ލައްކަ ޑޯޒް އެ ފެސިލިޓީއިން ފޯރުކޮށްދޭނެއެވެ.